ށ.މިލަންދޫގައި ދިވެހި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިލަންދޫގައި މި ޚިދުމަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބީ ވަޢުދެކެވެ. އެ ވަޢުދު މިހާރު ވަނީ ފުއްދަވާފައެވެ. މި ވަގުތު ސަރުކާރުން ކުރިއަށްގެންދަނީ ވަކިވަކި ރަށްރަށުގައި މި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތެވެ. މިލަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މި ޚިދުމަތް ފެށުމާއެކު މިލަންދޫ އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓު ހެއްދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.