ށ.މިލަންދޫގައި ކައިވެނިކޮށްގެން އުޅުނު ދެމަފިރިޔަކު ކައިވެނި ރޫޅުމަށްފަހު ފިރިހެން މީހާ ގެއިން ނުކުންނަން އަންގާ، އޭނާ އެގެއިން ނުކުންނަން އިންކާރުކުރުމުން މިމައްސަލައިގައި ބޮޑު ކަންތައްގަނޑެއް ހިންގައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެފިރިހެންމީހާ އަކީ އެހެން ރަށެއްގެ މީހަކަށްވެފައި އެގެޔަކީ ދެމަފިރިން ކައިވެނިކޮށްގެން ތިބެ ހަދާފައިވާ ގެޔަކަށް ވާތީ އެމީހާ ވަނީ ގެއިން ނުކުންނަން އިންކާރުކޮށްފައެވެ.

މީޑިޔާއަށް މައުލޫމާތު ދިންއެރަށު މީހަކު ބުނި ގޮތުގައި ވަރިކުރި އަންހެންމީހާ އަކީ މިލަންދޫގެ ކައުންސިލަރަކަށްވާތީ ނުފޫޒުގެ ބޭނުންކޮށްގެން ފެނަކައިން ރޭގެ ވަގުތެއްގައި އެގެއިން ކަރަންޓުވެސް ކަނޑާލި ކަމަށާއި އެހެންނަމަވެސް އެއީ ޤަވައިދާ ޚިލާފް ކަމަކަށް ވާތީ ފެނަކައިން ވަނީ އަލުން އެގެޔަށް ކަރަންޓު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ކަރަންޓު ކަނޑާލި ވަގުތު އެގޭގައި ތިބި ފިރިހެން މީހާގެ ސައިކަލްތަކުގައި ބަޔަކު ވަނީ ކަޓަރު އަޅާ ސައިކަލްތަކަށް ގެއްލުން ދީފައިވާ ކަމަށް މައުލޫމާތުދީފައިވެއެވެ.

ސައިކަލްތަކަށް ގެއްލުން ދިން ބަޔަކު ނޭގޭތީ މިމައްސަލަ މިހާރުވަނީ ފުލުހަށް ހުށަހަޅާފައެވެ.

ވަގުތު މީޑިޔާއިން ބުނާގޮތުގައި ވަރި ސާބިތުކުރެވުނުއިރު އަންހެންމީހާ ވަނީ އެދެމީހުންގެ ކައިވެނި ރޫޅުނުކަމުގައި ވިޔަސް ފިރިހެންމީހާ އެގޭގައި ބަހައްޓާނެ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ. އެހެންނަމަވެސް  ފަހުން އަންހެން މީހާ ވަނީ ގެއިން ނުކުންނަން އޭނައަށް އަންގާފައެވެ.