ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް “ދަނޑުވެރިޔާ” އެޕް މިއަހަރު ބޭނުންކުރަން ފެށޭނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެހި ދިރުން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވި ގޮތުގައި، ކޮންމެ ފަރުދަކަށްވެސް ރައްކާތެރި އަދި ފޯރުންތެރި ކާނާ ލިބިދިނުމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދޭންޖެހޭ ކަމެކެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން އަންނައިރު، މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ އަންހެން ދަނޑުވެރިންނެވެ.
ދަނޑުވެރިކަމުގެ ސިނާޢަތުގެ ރައްކާތެރިކަމާއި ފެންވަރު ޔަޤީންކުރުމަށްޓަކައި މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް ސެޓިފިކޭޝަން ނިޒާމު ވަނީ ތަޢާރަފުކޮށްފައެވެ. މި ނިޒާމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ރައްކާތެރިކަމާއި، ފެންވަރު އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުން ކަށަވަރުކޮށްދޭ ޤައުމީ މިންގަނޑެކެވެ.
“‘ދަނޑުވެރިޔާ މޯބައިލް އެޕްލިކޭޝަންގެ ބީޓާ ވަރޝަންގެ ޓެސްޓިނ މަރުހަލާ މިހާރު ދަނީ ކުރަމުން. މި މަރުހަލާ ނިމުމާއެކު، މި އަހަރުގެ ތެރޭގައި ދަނޑުވެރިޔާ އެޕްލިކޭޝަން ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށް ބޭނުންކުރެވޭގޮތަށް ޢާންމުކޮށް ހުޅުވާލެވިގެން ދާނެ.” ވަޒީރު ޑރ. މާރިޔާ
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި، ރަށުގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އަމާޒުކޮށްގެން ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން “ދަނޑުވެރިޔާ” މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ގިނަ މަޢުލޫމާތު އެއް ތަނަކުން ލިބޭނެ “ދަނޑުވެރިޔާ” ވެބްސައިޓް 2023 ވަނަ އަހަރު ވަނީ އިފްތިތާހުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮންމެ ރަށަކުންވެސް ދަނޑުވެރިކަމަށް ޚާއްޞަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް އިސްކަންދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.