ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަމުން ގެންދަވަނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކަކީ ފުއްދޭނެކަމުގެ ޔަޤީންކަން އޮވެގެން ވެވަޑައިގަންނަވާ ވައުދުތަކެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެހާ މުވައްޒަފުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އަޒުމުގައި ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ހާލަތެއްގައެވެ. އެހެންނަމަވެސް މިހާރު އިޤްތިޞާދު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. “އަޅުގަނޑުވީ އެއްވެސް ވަޢުދެއް ދޫނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ޤާނޫނާ ގަވައިދުގެ ތެރެއިން ވީ ވަޢުދުތައް ފުއްދަމުން ރައްޔިތުންނަށް މިހެން ހުރި ހުރިހާ ދަތިތަކެއް ފިލުވައިދެމުން،” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ދައްކަންޖެހޭ 2000 މިލިއަން ރުފިޔާގެ ބިލުތައް އަދާކުރުމަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިޤްތިޞާދު ކުރިއެރުވުމަށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ސިޔާސީ ހައްޔަރުކުރުންތަކާއި ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށާއި، ޖުޑިޝަރީގެ މިނިވަންކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޤައުމުގެ ހަމަޖެހުން ޤާއިމްކުރުމަކީ ހުރިހާ މުއައްސަސާއެއްގެ ޒިންމާއެއްކަމަށާއި، އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.