މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޮލަށް ޚާއްސަ މުހިންމު ފަރުވާއެއް ކަމަށްވާ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށިފައިވަނީ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސަރޖަރީ، ޑޮކްޓަރ މުހައްމަދު އައްޒާމްގެ އިރުޝާދުގެ ދަށުންނެވެ. މި ބޮޑު ކުރިއެރުމަކީ ރާއްޖޭގެ ރައްޔިތުންނަށް ދެވޭ ލޮލުގެ ފަރުވާގެ ފެންވަރު އިތުރުކޮށްދޭނެ ކަމެކެވެ.
ވިޓްރިއޯރެޓިނަލް ސަރޖަރީއަކީ ލޮލުގެ ފަރުވާގެ ތެރެއިން އެންމެ ނާޒުކު އަދި އެންމެ ޚާއްސަ ދާއިރާއެކެވެ. މިއީ ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ ނުވަތަ ރެޓިނާ އާއި ލޯސާފުކޮށް ފުރާފައިވާ ޖެލް ނުވަތަ ވިޓްރިއަސް ހިއުމަރ ގައި ދިމާވާ ސީރިއަސް މައްސަލަތައް ހައްލުކުރުމަށް ކުރާ އޮޕަރޭޝަންތަކެކެވެ. މީގެ ތެރޭގައި ރެޓިނާ ވަކިވުން (Retinal Detachment) ފަދަ ނުރައްކާތެރި ބަލިތަކާއި، ޑައިބެޓީސްއާ ގުޅުންހުރި ލޮލުގެ ބަލިތަކަށް ފަރުވާ ދިނުން ހިމެނެއެވެ.
މި ޚިދުމަތް ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިކަމުގެ ސަބަބުން މިހާރު ރާއްޖެއިން ބޭރުން ލިބެން ހުންނަ ފެންވަރުގެ ފަރުވާ ރާއްޖޭގައި ތިބެގެން ރައްޔިތުންނަށް ލިބިގެންދާނެއެވެ. “ކުރިން މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭތީ ދިމާވާ ދަތިތަކަށް މިކަމުގެ ސަބަބުން ހައްލެއް ލިބިގެންދާނެކަމަށް…” ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މި ކާމިޔާބީ ޙަޤީޤަތަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކޮންސަލްޓަންޓް ޑޮކްޓަރ މުހައްމަދު އައްޒާމަކީ، މި ޚާއްސަ ދާއިރާގައި ގިނަގުނަ ތަޖުރިބާ ހުރި ބޭފުޅެކެވެ. އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ހާމަކުރައްވާ ގޮތުގައި ޑޮކްޓަރ އައްޒާމްގެ އިރުޝާދުގެ ދަށުން، މިހާރު ލޮލުގެ ފަރުވާދޭ ޓީމަށް ސަބްސްޕެޝަލައިޒްޑް އޮޕަރޭޝަންތައް ކުރުމުގެ ޤާބިލްކަން ލިބިފައިވާކަމީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލިއްޔަތު އިތުރުކޮށްދޭނެ ކަމެކެވެ. މިއީ ދިވެހި ސިއްހީ ޚިދުމަތުގެ ތަރައްޤީގައި ނެގުނު މުހިންމު ފިޔަވަޅެކެވެ.
އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން މި ޚިދުމަތް ރަސްމީކޮށް ފެށުމާއެކު މި ދެ ހޮސްޕިޓަލުން ދެމުންދާ ލޮލުގެ ފަރުވާގެ ފެންވަރު އިތުރަށް މަތިވެ، ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާވެގެންދާނެކަން ކަށަވަރެވެ. ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ މި ބުރަ މަސައްކަތް ކާމިޔާބުކުރުމުގައި އެހީތެރިވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ.

