އޭޝިޔާ ސްޕެސިފިކް ސަރަހައްދުގައި ސްކައުޓް ޚިދުމަތްތެރިންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ އަޙްމަދު އަލި މަނިކަށް ލިބިއްޖެއެވެ. އަޙްމަދު އަލި މަނިކަށް ލިބިވަޑައިގެންފައިވަނީ "އޭޝިއާ ޕެސިފިކް ރީޖަން އެވޯޑް ފޯރ ޑިސްޓިންގްވިޝްޑް ސަރވިސް ޓު އިންޓަރނޭޝަނަލް ސްކައުޓިންގް" އެވޯޑެވެ. މި އެވޯޑަކީ ސްކައުޓް ހަރަކާތުގެ އޭޝިއާ ފެސިފިކް ރީޖަންއަށް ސަރަހައްދީ ގޮތުން އެކި ޙިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ދޭ އެންމެ މަތީ އެވޯޑެވެ.

 މި މަހުގެ 12 އިން 17 އަށް ޓައިވާނުގެ ކައުޝިންގްގައި ކުރިއަށްދިޔަ 28 ވަނަ އޭޝިއާ ޕެސިފިކް ސްކައުޓު ކޮންފަރެންސްގެ ނިންމާލުމުގެ ރަސްމިއްޔާތުގައި މި އެވޯޑު ޢަހްމަދު އަލި މަނިކަށް އަރުވާފައިވާއިރު، އޭނާ އަކީ ދިވެހިރާއްޖޭގެ ސްކައުޓު ހަރަކާތަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އެ ސޯސިއޭޝަންގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭނާ އަށް ރާއްޖޭގައި ސްކައުޓު ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޙިދުމަތްތަކަަަށް ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުކަމުގައިވާ ސިލްވަރ ޓޫނާ އެވޯޑު ދީފައިވާއިރު، ޢަލި މަނިކު ވަނީ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމެޓީގެ މެންބަރުކަމުގެ އިތުރުން، އޭޝިއާ ޕެސިފިކް ރީޖަނަލް މެނޭޖްމަންޓް ސަބް-ކޮމެޓީގެ ވައިސް ޗެއަރ ޕަރސަންގެ މަޤާމާއި އޭޝިއާ ޕެސިފިކް ރީޖަންގެ އެވޯޑްސް ކޮމެޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ.