ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިޢުމަތްކަމަށާއި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެ ނިއުމަތަށް އިހުމާލުނުވެ ރައްކާތެރިވުން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ  ދުންފަތާ ދެކޮޅަށް ރާއްޖޭން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި "ނޭޝެނަލް ޓޯޗް ރަން" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފަށާނީ މި ފެށޭ ނޮވެމްބަރު އެކަކުން ފެށިގެންނެވެ. މިއާއެކު 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިއްކުންވެސް މަނާވެގެންދާނެއެވެ.

ވަޒީރު ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިޢުމަތްކަމަށާއި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެ ނިއުމަތަށް އިހުމާލުނުވެ ރައްކާތެރިވުންކަމަށެވެ. އަދި ސަލާމަތް ޞިއްޙަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ.

މި ސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު އަމާޒަކީ އަދި ސިޔާސަތުތައް ބިނާވެގެން ވަނީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖުތަމަޢެއް އަދި ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުމުގެ މައްޗަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.