ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މެންދުރާ ހަމައަށް ރަށުގެ ހުރިހާ ހިސާބުތަކަށް ފެން ފޯރުކޮށްދެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ވިދާޅުވެއްޖެއެވެ. ފުވައްމުލަކު ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ، ހޯމަ ދުވަހު ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނެވެ. ނަމަވެސް، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ، ފެން ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ތަޙުލީލުތަކުން ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން ކަށަވަރުކުރުމަށްފަހުގައި ހުއްދަ ލިބިގެންކަމަށެވެ. ނަޖާހު އިތުރަށް ވިދާޅުވީ، ފެން ދޫކުރުން ކުރިއަށްގެންދަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ވަކި ތާވަލަކުންކަމަށެވެ. އެގޮތުން، ފެނުގެ ވިއުގައިގައި އިތުރު މައްސަލައެއް ފާހަގަނުވާ ގެތަކަށް މިހާރު ފެން ދޫކުރަން ފަށާފައިވާކަމަށާއި، މެންދުރާ ހަމައަށް ހުރިހާ ހިސާބަކަށް ފެން ދޫކޮށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. ފުވައްމުލަކުގެ ފެނުގެ ވިއުގައިގައި ހުރި ފެން ލީކްވުމުގެ ބޮޑެތި މައްސަލަތައް މިހާރު ހައްލުކޮށްފައިވާކަމަށްވެސް ނަޖާހު ވިދާޅުވިއެވެ. އަދި ފެން ލީކްވުމުގެ ކުދި މައްސަލަތައް ފެން ދޫކުރުމަށްފަހުގައިވެސް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބައެއް ގެތަކަށް ފެނުގެ ކަނެކްޝަން ގުޅާފައި އޮތް ގޮތުގެ ސަބަބުންވެސް ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް ނަޖާހު ވިދާޅުވިއެވެ. މިކަންކަންވެސް ގޭގެ ވެރިންނާ ގުޅިގެން ހައްލުކުރުމަށް ފެނަކައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފެނަކައިން ވިދާޅުވީ، ފުވައްމުލަކު ފެނުގެ ވިއުގައަށް ދިމާވި މައްސަލައަށް ޖުމްލަ ހައްލެއް މިއަދު ލިބޭނެކަމަށެވެ. އަދި އިތުރަށް ހުރި މައްސަލަތައްވެސް ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ފެނަކައިން ކުރިއަށްގެންދާނެކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއްވިއެވެ.
ފުވައްމުލައް ސިޓީގެ ގެތަކަށް ފެން ދޫކުރުމުގެ މަސައްކަތް ފަށައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.