ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށާއި އެ ޤައުމަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ގޮވާލުމުގައި ސާބިތުވެތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްޠީންގެ ދައުލަތަށް ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު ލިބިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ބައިނަލްއަޤުވާމީ ދުނިޔެއަށް ފަސް ނުޖެހުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. ފަލަސްޠީންގެ ރައީސް ޑރ. މަޙްމޫދު ޢައްބާސަށާއި ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް މުޢިއްޒު ވަނީ އަރުވާފައެވެ. އަދި ފަލަސްޠީންގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ސާބިތުކަން ދެއްވުން އެދި އެމަނިކުފާނު ދުޢާ ދެންނެވިއެވެ. ފަލަސްޠީނުގެ މިނިވަން ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ. ނަމަވެސް މި ތާރީޚުގެ ފަހުން ވެސް ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުވެގެންތިބި ޔަހޫދީން ދަނީ ފަލަސްޠީންގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމުތައް ހިންގަމުންނެވެ. އެންމެ ފަހުގެ ތާރީޚެއްގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށި ހަމަލާތަކުގައި މިހާތަނަށް 65،000އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 158،000އަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައެވެ.
މިނިވަން ދުވަހުގެ ތަހުނިޔާއާއެކު ރައީސް ދެއްވީ ފަލަސްތީނާއެކު ދިވެހިން ދެމިތިބޭނެކަމުގެ ޔަގީންކަން!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.