އދ. މަންދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތްތާ ގާތްގަނޑަކަށް 10 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށާއި، އެރަށުގައި ފުޓްސަލް ދަނޑެއް ހުޅުވުމަކީ ވަރަށް ދުވަސްވީ އުންމީދެއް ކަމަށް އެ ދަނޑުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި މަންދޫ ޒުވާނުން ބުނެފިއެވެ. މި ދުވަސްވީ އުންމީދު މިވަނީ ޙަޤީގަތަކަށް ވެފައެވެ.
ގާތްގަނޑަކަށް މަހެއްހާ ދުވަހުން އެމްޓީސީސީއާއި ހަވާލުކުރައްވައިގެން ސަރުކާރުން ތަރައްޤީކޮށްދެއްވި މި ފުޓްސަލު ދަނޑު ހުޅުވާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު އަދި ވަޒީރުން ވަޑައިގެންނެވުމަކީ އެރަށުގެ ރައްޔިތުން އުންމީދުވެސް ކުރިކަމެއް ނޫން ކަމަށް، އެރަށުގެ ޒުވާނުންގެ ފަރާތުން ވާހަކަދެއްކި އަރީފު ބުންޏެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޒުވާނުންގެ އެދުމަށް ރައީސް ދެއްވި މި އިޖާބައަކީ މުޅި މަންދޫއަށްވެސް ލިބިގެންދިޔަ ބޮޑު އުފަލެކެވެ.
“އަޅުގަނޑުމެން ރައީސްއަށް ރިކުއެސްޓްކޮށްލިން ނޮވެމްބަރުމަހުގެ ނިޔަލަށް ދަނޑު ނިންމައިދިނުމަށް. އެކަމަކު އަޅުގަނޑުމެން އެދުނު މުއްދަތަށްވުރެ މާއަވަހަށް ރައީސް ދަނޑު ނިންމަވައިދެއްވާ އަޅުގަނޑުމެން ޒުވާނުން އެދުނު ދައުވަތު ގަބޫލުކުރައްވާ އަޅުގަނޑުމެންނާއެކު ކުޅެން ވަޑައިގަތުން މީ އަސްލު ވަރަށް ބޮޑު އުފަލެއް. މީ އަޅުގަނޑުމެން އަސްލު އުންމީދުވެސް ނުކުރާވަރުގެ ކަމެއް.” އަރީފު ވިދާޅުވިއެވެ.
މަންދޫއާއި މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަމެއް ނޫން ކަމަށް އަރީފް ވިދާޅުވިއެވެ. އެކަމަށްޓަކައި މަންދޫ ޒުވާނުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަންދޫ ފުޓްސަލް ދަނޑާއި ޖެހިގެން އޮތް ފުޓުބޯޅަ ދަނޑުގެ މަސައްކަތް 210 ދުވަހުގެތެރޭގައި ނިންމަން ހަވާލުކޮށްފައިވާއިރު، އަރީފު ބުނީ މިކަންކަމުން ފެނިގެންދަނީ ރައީސް ދައްކަވާ ވާހަކަފުޅާއި އެއްގޮތަށް އަމަލުކުރައްވާ މަންޒަރުކަމަށެވެ. އަދި މަންދޫ ކަހަލަ ކުޑަ ރަށެއްނަމަވެސް ރައީސް ބެހެއްޓެވި ގާތްކަމަށް ޝުކުރު ދަންނަވާނެ ގޮތެއްވެސް ނޭނގޭ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

