ރޭ ސަރުކާރުން އާންމުކޮށްފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި، މި ސަރުކާރުން ފްލެޓް ދޫކުރުމުގައި މަސްވެރިންނާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަ އިސްކަމެއް ދެއްވާނެކަން ހާމަކޮށްފިއެވެ. މި އުސޫލު އާންމުކޮށްފައިވަނީ މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ގިނަ ބަޔަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، ވަކި ކެޓަގަރީތަކަކަށް ހާއްސަ އިސްކަމެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ޖުމްލަ 11 ކެޓަގަރީއަކަށް ހާއްސަ އިސްކަން ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ހާއްސަ އިސްކަން ދޭނެ ކަމަށް އުސޫލުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
  • އަލަތު ކައިވެނިކުރާ ފަރާތްތައް/ ޒުވާން އާއިލާތައް
  • ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޝަރުއީ ދާއިރާގެ މުވައްޒަފުން
  • މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުރުމުން މަހްރޫމްވެފައިވާ ފަރާތްތައް
  • ވެށިފަހި މާލެއާއި ހިޔާ މަޝްރޫއުގެ ފްލެޓްގެ ލިޔުން ލިބި ފްލެޓް ލިބިފައިނުވާ ފަރާތްތައް
  • ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތައް
  • މިނިސްޓްރީން އިއުލާނުކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ޔުނިޓްތައް ވެސް ހިމެނޭ ގޮތަށް، ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޫކުރާނީ ޕޮއިންޓް ދީގެންނެވެ. މިގޮތަށް އުސޫލުތައް ކަނޑައަޅާފައިވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި، ވަކިވަކި ކެޓަގަރީތަކަށް އިސްކަންދިނުމަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ.