1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކެރަމް ވޯލްޑް ކަޕަށް އާންމުންގެ ތަރުހީބު ހޯދަން މާލެއާއި ހުޅުމާލޭގައި މިނީ އިވެންޓުތައް ކުރިއަށް ގެންދަނީ

IMG-20251128-WA0003
މާލެއާއި ހުޅުމާލޭގައި މިނީ އިވެންޓުތައް ކުރިއަށް ގެންދަނީ
މުހައްމަދު އަޚްތަރު
187ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެރަމް ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް އައިސް ސަޕޯޓަރުންގެ ތަރުހީބުން އުފާވެރިކަން ގެނެސްދިނުމަށް ކެރަމް ގައުމީ ޓީމުން އެދިއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ހެންވޭރު ބޯޅަގޭގައި ބޭއްވި ގައުމީ ކެރަމް ޓީމުގެ ހާއްސަ ޕްރެސް ކޮންފަރެންސްގައި ކެރަމް ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން މެނޭޖަރު ވަނީ މުބާރާތް ކުޅެމުންދާ ވަގުތުތަކުގައި ބާސެލޯ ނަސަންދުރާ އަށް އައިސް ސަޕޯޓަރުންގެ ތަރުހީބުން އިތުރު ހިތްވަރުދިނުމަށް އެދޭ ކަމަށް ބުނެފައެވެ.

އިއްޔެ ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނާ މުހާތަބްކުރައްވާ، ދެއްކެވި ވާހަކަފުޅުގައި ޝަރަފުވެރި މެހެމާން، ޢަބްދުއްރައްޒާޤު އިބްރާހިމް ވިދާޅުވީ، ވޯލްޑް ކަޕަށް ކުރިމަތިލާއިރު ރާއްޖޭގެ ކުޅުންތެރިން މެންޓަލީ އަދި ފިޒިކަލީ ރަނގަޅު ހާލަތުގައި ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

300 × 250

ކޮންމެ ކުޅުންތެރިއެއްގެ ކާމިޔާބީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކަމަކީ، މެންޓަލް ސްޓޭޓަސް އަށް ކަމަށްވުމުން އެކަމަށް ބުރޫ އަރާފަދަ ކަންކަމުން ހުރިހާ ކުޅުންތެރިން ދުރުހެލިވެ ތިބުމަށް ވެސް ރައްޒާޤު ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި ޝަރަފުވެރި މެހެމާން، ރައްޒާޤު ވަނީ، މުބާރާތާ ދިމާކޮށް ކެރަމް ގައުމީ ޓީމަށް ހާއްސަކޮށް ނެރުނު ލަވަ ލޯންޗްކޮށް ދެއްވާފައެވެ.

އަމިއްލަ ގައުމުގައި، ސަޕޯޓަރުންގެ ކުރިމަތީގައި މިވަރުގެ ބޮޑު މުބާރާތެއްގައި ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅޭއިރު، ސަޕޯޓަރުންގެ ތަރުހީބަކީ ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ، ހުސައިން ރައުޝާން ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ތަމްސީލުކުރުމަށް ނެގިފައިވާ ޓީމަކީ މިވަގުތަށް ބަލާއިރު، ނެގެން އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށް މެނޭޖަރު، ހުސައިން އަލީ ވަނީ ފާހަގަކޮށްފައެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ގައުމީ ޓީމުގެ ކުޅުންތެރިޔާ އާދަމް އަދީލް ބުނީ، ފަހަކަށްއައިސް ކޮންމެ މުބާރާތެއްގައި ރާއްޖޭން ގަދަ ތިން ޖާގައަށް ވާދަކުރާ ކަމަށެވެ.

މިފަހަރު މާލޭގައި ބާއްވާ މުބާރާތަކީ ކެރަމް ގައުމީ ޓީމުގެ އަންހެން ކުޅުންތެރިންނަށް ވެސް ފައިނަލަށް ގޮސް، ރަން މެޑެލް ހޯދުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، އެއީ ނުލިބޭނެ އެއްޗެއް ނޫން ކަމަށް އާމިނަތު ވިޝާމާ ބުންޏެވެ.

300 × 250

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ކެރަމް ވޯލްޑް ކަޕްގެ ޓޯނަމަންޓް ކޮމިޓީގެ މެންބަރުންނާއި، ކުޅިވަރު ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަންނަ ޑިސެންބަރު މަހުގެ 2 އިން 6 ގެ ނިޔަލަށް މާލޭގައި ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 ގައުމަކުން 152 އެތުލީޓުން ވާދަކުރާނެ އެވެ. ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްގެ ގޮތުގައި މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި