މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން، ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިއަދު އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ފަށައިފިއެވެ. މި މަސައްކަތްތައް ބަލަހައްޓަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. ރައީސް ޑރ. މުޢިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމެވެ. މަޑުޖެހިފައި އޮތް ފޭސް 3 ގެ މަސައްކަތް އަލުން ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ޙަވާލުކޮށްގެންނެވެ. މި މަސައްކަތުގައި ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައި މަސައްކަތް ކުރިއަށްދެއެވެ. މަސައްކަތުގެ ސްޕީޑް އިތުރުކުރުމަށްޓަކައި ޑްރެޖަރު ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑަލޭންޑެން ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. https://twitter.com/MMuizzu/status/1994402859300086076?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1994402859300086076%7Ctwgr%5Ed7b327872e7b11184a533587178fb82f8b5421c7%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F169641

މި މަޝްރޫޢު ފެށިފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކުރު މުއްދަތަކަށް މަސައްކަތް މަޑުޖައްސާލުމަށްފަހު، މި މަހުގެ 10 ވަނަ ދުވަހު ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައެވެ. މިހާތަނަށް މި މަޝްރޫޢުގެ ދަށުން 24 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ބިމުގެ ދަތިކަމަށް ޙައްލު ހޯދުމަށްޓަކައި މާލެ ސަރަޙައްދުގެ 5 ސަރަޙައްދަކުން ޖުމްލަ 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރައީސްގެ ނިންމެވުމާއެކު ގުޅިފަޅުން ޖުމްލަ 277 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން މިހާރު ވަނީ ބިން ހިއްކުމަށް ފަށާފައިވާ މަސައްކަތްތައް ހަލުވި ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކޮށްދީފައެވެ.