ސްރީ ލަންކާއަށް އަރާފައިވާ "ތޫފާން ދިތުވާ" ގެ ސަބަބުން ކުރިމަތިވަމުންދާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައި މަރުވި މީހުންގެ ޢަދަދު 153އަށް އުފުލިފައިވާކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ. މި ބޮޑު ކާރިޘާއާއެކު، ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކެ ވަނީ ނޮވެމްބަރު މަހުގެ 18ވީ ހުކުރު ދުވަހުން ފެށިގެން އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައިފައެވެ.
ތޫފާނުގެ ސަބަބުން ގެއްލިފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 191އަކަށް އަރައިފައެވެ. ސްރީ ލަންކާގެ ބައި މިލިޔަނެއްހާ މީހުންނަށް ތޫފާނުގެ އަސަރުކޮށްފައިވާއިރު، 78،000އަށްވުރެ ގިނަ މީހުން ވަނީ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ 800އެއްހާ އެހީދޭ މަރުކަޒުތަކަށް ގެންގޮސްފައެވެ. އާދަޔާ ޚިލާފަށް ގިނަ ޢަދަދަކަށް ވާރޭވެހުމުގެ ސަބަބުން ސްރީ ލަންކާގެ ކޯރުތައް ބަންޑުންވެ، 15،000އަށްވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. ބިން ތިރި ސަރަޙައްދުތައް ފެނު އަޑީގައި އޮތްއިރު، އެ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ވެސް ނުލިބެއެވެ.
ސްރީ ލަންކާގެ ފުލުހުންނާއި ކަނޑުމަތީ ސިފައިންނާއި އަސްކަރިއްޔާއިން ދަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، ޢާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވާއިރު، ޙާލަތު އިތުރަށް ގޯސްވާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.