ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 5.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މި ޓެލެތޯން ފަށާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު، 37 މީޑިއާ ގުޅިގެންނެވެ. ކުރިން އާދިއްތަ ދުވަހުގެރޭ މެންދަމު 1:00 ޖެހުމާ ހަމައަށް ޓެލެތޯން ކުރިއަށްގެންދިއުމަށް ނިންމާފައި އޮތްނަމަވެސް، ވީހާވެސް ގިނަ ބަޔަކަށް މި ހެޔޮ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ހޯމަ ދުވަހުގެ މެންދުރު 2:00 ޖެހުމާއި ހަމައަށް ޓެލެތޯންގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ހޯމަ ދުވަހުގެ ހެނދުނު 10:40 އާ ހަމައަށް ޖުމްލަ 5,932,381 ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދުގައި ހިމެނެނީ 5,286,762 ދިވެހި ރުފިޔާ އާއި 41,869 އެމެރިކާ ޑޮލަރެވެ.

ސްރީލަންކާއަށް އެހީވުމުގެ މި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މާލޭގެ ޓީވީ ބިލްޑިންގއާއި އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޚާއްސަ ފޮށިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސްރީލަންކާ ކާރިސާގެ ޙާލަތަކަށް ވެއްޓިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެޤައުމަށް ކުރިމަތިވި ތޫފާން ދީތުވާއާ ގުޅިގެންނެވެ. ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެއް ކަމަށްވާ ސްރީލަންކާގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބަޔެކެވެ. އެހެންކަމުން، މިފަދަ ދަނޑިވަޅެއްގައި އެކުވެރި ޤައުމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިންސާނީ ވާޖިބެކެވެ.