ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވުމަށް ކަނޑައެޅުއްވި 50 ހާސް ޑޮލަރު، މިއަދު އެ ޤައުމުގެ ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އެހީ ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދުއެވެ. ސްރީލަންކާއަށް އެހީވުމުގެ ގޮތުން 50 ހާސް ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރައްވަން ދިވެހި ސަރުކާރުން ނިންމެވިކަން ހާމަކުރެއްވީ މިދިޔަ ހޮނިހިރުދުވަހުއެވެ. މިއަދު ލަންކާ ސަރުކާރާއި ހަވާލުކުރެވުނީ މި އެހީގެ ތެރެއިން ފައިސާގެ ބައެވެ. މި ފައިސާގެ އެހީ ލަންކާ ސަރުކާރުގެ ފަރާތުން ބަލައިގަތީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ. މި އެހީތެރިކަމާ ގުޅޭގޮތުން ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައި ވަނީ، މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ލަންކާ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަންކަމަށެވެ. އަދި ރާއްޖެއިން އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލުއިކަމެއް ލިބޭނެކަމަށެވެ. ރާއްޖެއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރައްވަމުން ލަންކާގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތު ވިދާޅުވީ، "އެ ޤައުމަށް ދިމާވެފައިވާ ހިތާމަވެރި މި ހާލަތުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ދިވެހިރައްޔިތުން ހާމަކޮށްދިނުމަކީ ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއް" ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އެހީތެރިކަން ލިބުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ތޫފާން ޑިޓްވާގެ ސަބަބުން ސްރީލަންކާގެ އެތައް ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، އަދި އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. މި ގެއްލުންތަކުން އަރައިގަތުމަށް ލަންކާ ސަރުކާރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ދިވެހި ސަރުކާރުން ހަދިޔާކުރެއްވި 50،000 ޑޮލަރު ލަންކާ ސަރުކާރާ ހަވާލު ކުރައްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.