1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔުނީފޯމަށް އައި ބަދަލު; ގުރޭޑު 4 އިން މަތީގެ އަންހެން ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭ

uni
ޝަފްޢަތު ، ހުވަދޫ މީޑީއާ
381ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޔުނިފޯމަށް ތައުލީމީ ވުޒާރާއިން ގެނައި ބަދަލުތަކާ އެކު، 2027 ވަނަ އަހަރުން ފެށިގެން ގުރޭޑު 4 އިން މަތީގެ އަންހެން ދަރިވަރުން ސްކާޓާ އެކު ހަރުވާޅު ލުން މަޖުބޫރުކޮށްފިއެވެ. މި ބަދަލަކީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެންމެ ފާހަގަކޮށްލެވޭ ބަދަލެވެ. ތައުލީމީ ވުޒާރާއިން އިއްޔެ ވަނީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނިފޯމް އުސޫލު އާންމުކޮށްފައެވެ. މި އުސޫލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނިފޯމުތަކަށް ވަކި ކުލަތަކެއް ކަނޑައަޅައި، އެއްގޮތް ކުރުމެވެ. މީގެ އިތުރުން، ދަރިވަރުންނަށް އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް ފަސޭހަ ޔުނިފޯމެއް ކަނޑައެޅުމާއި، ބެލެނިވެރިންނަށް ޔުނިފޯމު ފަސޭހަކަމާއެކު ލިބުމުގެ މަގު ފަހިކޮށްދިނުމަކީ ވެސް މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ސްކާޓާއި ހަރުވާޅު ލާޒިމުކުރުން

2027 ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރަން ނިންމާފައިވާ މި އުސޫލުގައިވާ ގޮތުން، ގްރޭޑް 4 އިން މަތީގެ އަންހެން ދަރިވަރުން ސްކާޓު ލާނަމަ، އެއާއެކު ހަރުވާޅު ލުން ލާޒިމުކުރެއެވެ. ސްކާޓު އެކަނި ލެވޭނީ ހަމައެކަނި ބޭބީ ނާސަރީން ފެށިގެން ގްރޭޑް 3 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށެވެ.

300 × 250
  • ސްކާޓުގެ ދިގުމިން: ކަކުލުން ތިރިއަށް ދެ އިންޗި ހުންނަން ޖެހޭނެއެވެ.
  • ސްކާޓުގެ ޑިޒައިން: ކުރިމަތިންނާއި ފަހަތުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގާފައި ހުންނަން ޖެހޭނެއެވެ.
  • ގަމީހުގެ ދިގުމިން: ފައުންޑޭޝަން ނުވަތަ ކީ ސްޓޭޖު އެކެއްގެ ދަރިވަރުން ފިޔަވާ އެހެން ސްޓޭޖުތަކުގެ އަންހެން ދަރިވަރުންގެ ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅަށްވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ.
  • ބުރުގާ އަޅާ ދަރިވަރުން: ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހުތިޔާރު ދީފައިވާއިރު، ސްކާޓް ނުލާނަމަ، ބެގީ ނުކުރާ ގޮތަށް ފަޓުލޫނު ލާން ޖެހޭނެއެވެ.

ޔުނިފޯމުގެ ކުލަތަކާއި އެކްޓިވިޓީ ޔުނިފޯމު

އާ އުސޫލުގެ ދަށުން ޔުނިފޯމުގެ ކުލަތަކަށް ވަނީ ވަކި މިންގަނޑުތަކެއް ކަނޑައަޅާފައެވެ. މި ކުލަތައް ކަނޑައަޅާފައިވަނީ ވުޒާރާގެ ކުލައާއި ގައުމީ ދިދައިގެ ކުލަތަކާ ގުޅުވައިގެންނެވެ.

  • ގަމީހުގެ ކުލަތައް: ހުދު، ސްކައި ބްލޫ، ޓީ ގްރީން އަދި ލައިޓް ރެޑް.
  • ފަޓުލޫނު/ސްކާޓް/ސޯޓުގެ ކުލަތައް: ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއް.
  • ބުރުގާގެ ކުލަތައް: ނޭވީ ބްލޫ، ރޯޔަލް ގްރީން، ޑާކް ރެޑް ނުވަތަ ހުދު ކުލަ.

އެކްޓިވިޓީ ޔުނިފޯމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

  • އެކްޓިވިޓީ ޔުނިފޯމުގެ މަތީ ބައި (ޓީޝާޓް): ނޫ، ފެހި، ރަތް ކުލައިގެ އިތުރުން ސްކޫލްގެ ކުލަ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއް ބޭނުން ކުރެވޭނެއެވެ.
  • އެކްޓިވިޓީ ޔުނިފޯމުގެ ތިރި (ސޯޓު/ޓްރެކްސޫޓް/ސްކާޓް): ކަޅު ކުލަ.
  • އެކްޓިވިޓީ ސްކާޓް ލާ އަންހެން ކުދިން: ކީ ސްޓޭޖް 1 ގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން އެކްޓިވިޓީ ސްކާޓް ލާނަމަ، ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެއެވެ.

މީގެ އިތުރުން، އާ އުސޫލުގައި ބުނެފައިވަނީ ހުރިހާ ދަރިވަރުން ވެސް އެއްވެސް ޑިޒައިނެއް ނުހުންނަ ކަޅު ބެލްޓާއި، ކަޅު އިސްޓާކީނެވެ. އަދި ކަޅު ބޫޓެވެ. އެހެން ނަމަވެސް އެކްޓިވިޓީ ޔުނިފޯމާއެކު ސްޕޯޓްސް ބޫޓެއް ބޭނުންކުރެވިދާނެއެވެ. ޕްރިފެކްޓުންނަށް ޔުނިފޯމަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެހޭނެކަމަށް ވެސް މި އުސޫލުގައި ވަނީ ބުނެފައެވެ. މި ބަދަލުތައް މުޅި ރާއްޖޭގެ ސަރުކާރު ސްކޫލްތަކަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުން ފެށިގެންނެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި