1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކެރަމް ވޯލްޑް ކަޕް: ފިރިހެނުންގެ ޓީމް އިވެންޓްގެ ތިންވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ އަށް ނާކާމިޔާބު

22
މަރްޔަމް ޝަފާ ސައީދު
51ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ތިންވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެއެވެ.

ރާއްޖޭގެ ފިރިހެން ޓީމުން ވަނީ މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގެ ޑަބަލްސް ގޭމްގައި ބަންގްލަދޭޝްގެ އަނީސް އަހުމަދު އާއި ބާސޫ ދާސްގެ ޕެއާ އަތުން ރާއްޖޭގެ އާދަމް އަދީލް އާއި އިސްމާއިލް އަޒްމީންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުން ބަންގްލަދޭޝްގެ ޕެއާ މޮޅުވީ 25-9، 23-10 އިންނެވެ.

300 × 250

މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ ހަސަން ނާޒިމް ވަނީ ބަންގްލަދޭޝްގެ ހެމްއަތު މޮއްލާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ.

ސިންގަލްސް ދެވަނަ މެޗުގައި ތިން ސެޓަށް ދިގުދެމިގެންދިޔައިރު، ރާއްޖޭގެ އިބްރާހިމް ހުޖާން އަލީ އަތުން ބަންގްލަދޭޝްގެ ހަފީޒުއްރަހުމާން މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ހަފީޒުއްރަހުމާން 20-19 އިން ކުރިހޯދިއިރު، ހުޖާން ވަނީ ފޯރިގަދަކޮށްދިޔަ ދެވަނަ ސެޓު 24-23 އިން ކާމިޔާބުކޮށްފައެވެ. އެއަށްފަހު، ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ހަފީޒުއްރަހުމާން މޮޅުވީ 18-13 އިންނެވެ.

މި މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި ސްރީ ލަންކާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި