ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދު ވެވަޑައިގެންފައިވާ ފަދައިން ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ, ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ޓާޝަރީ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ފުރަތަމަ ފޭހުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ ދެކުނުގެ ރައްޔިތުންނަށް ލިބޭ ސިއްހީ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ފުޅާކޮށް ޚިދުމަތްތަކަށް އަތްފޯރާ ފަށުގައި ތަރައްގީކުރުމެވެ.

މި ފޭހުގައި ހޮސްޕިޓަލަށް 40 މަޤާމަކަށް މީހުން ނެގުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން މުހިންމު ފަންނީ މަޤާމުތަކުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގެންދެވިފައެވެ.  މިގޮތުން، ކާޑިއޮލޮޖިސްޓް، ނެފްރޮލޮޖިސްޓް، އަދި ޔޫރޮލޮޖިސްޓްގެ އިތުރުން 7 މެޑިކަލް އޮފިސަރުންގެ މަޤާމަށް  މީހުން ހޯދުމަށް އިޢުލާންކުރެވި، އިންޓަވިއު މަރުހަލާތައް ވަނީ ނިމިފައެވެ.

މީގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ ނަރުހުންނާއި ސަޕޯޓް މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިނޭންސް ހުއްދަ ލިބިފައިވާއިރު، އެ މަޤާމްތައް އިޢުލާންކުރުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ. މި މަޤާމްތައް ހަމަޖެހުމާއެކު ހޮސްޕިޓަލުގެ ދުވަހު އޮޕަރޭޝަންތަކަށް ބޭނުންވާ މީހުންގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށް ބެލެވެއެވެ.

ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދުމަށްޓަކައި 05 އިޢުލާނެއް މިހާރު ވަނީ ކުރެވިފައެވެ. މި އިޢުލާންތަކާ ގުޅިގެން ޕްރޮކިއުމަންޓް ޕްރޮސެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މިއީ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޓާޝަރީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތްތައް ކުރިޔަށްދާއިރު،   ޓާޝިއަރީ  އެކްސްޕެންޝަން ޕްރޮޖެކްޓުގެ 2 ވަނަ ފޭހުގައި ކަނޑައެޅިފައިވާ ޚިދުމަތް ދިނުމަށް ބޭނުންވާ ޢިމާރާތް އެޅުމުގެ މަސައްކަތް ފެށިގެންދާނެއެވެ. އެގޮތުން  ޢިމާރާތް ކުރަހައި ޑިޒައިންކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތްކަމަށްވާ އެމްޓީސީސީއިން މިހަރުވަނީ އިމާރާތް އެޅުމަށް ބޭނުންވާ  ޞަރަހައްދުގެ ބިމުގެ ސާރވޭ ގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިންމާފައެވެ. ޓާޝިއަރީ އެކްސްޕެންޝަންގެ  މަސައްކަތް އެއްކޮށް ނިމޭއިރު ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މިހާރު  ދެމުންދާ ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ފަސޭހައިން ތަފާތު ބަލިތަކަށް ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެއެވެ.