ދައުލަތުގެ ޚަރަދުތައް މެނޭޖުކުރުމަށް ފައިސާ ޗާޕްކުރަނީ ރައްޔިތުންގެ ހައްގުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރަގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް ދިރާސާކޮށް ކޮމިޓީން ނިންމެވި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ، އިދިކޮޅު މެންބަރުން ދެބަސްވިޔަސް، ޤައުމެއްގެ ހައްގުގައި ދެބަސް ނުވެވޭނެ ކަންކަން ހުންނަނެކަމަށެވެ. އެގޮތުން ކާރިސާގެ ހާލަތުގައާއި، ހަނގުރާމާއިގެ ހާލަތުގައާއި ބަލިމަޑުކަމެއްގެ ހާލަތުގައި ދެބަސް ވެގެން ނުވާނެކަން ފާހަގަކުރައްވަމުން ސައްލެ ވިދާޅުވީ، މިއީ އަމިއްލަ މަންފާއަށްވުރެ ޤައުމު އިސްކުރަންވީ ވަގުތުކަމަށެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފައިސާ ޗާޕުކުރަން ޖެހުނަސް، އަދި އިތުރަށް ދަރަނި ނަގަން ޖެހުނަސް، އެކަން ވެސް މިސަރުކާރުން އެ ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަން، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް އަޔަ ނުދޭންކަން.
- ހޯރަފުށީ ދާއިރަގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ސައްލެ ވިދާޅުވީ މިވަގުތު ޤައުމު މިއޮތީ ބަލިމަޑުކަމެއްގެ ތެރޭގައިކަމަށާއި، އެހެންކަމުން މިއީ ސިޔާސީ ވިސްނުން ދޫކޮށްލަންވީ ވަގުތުކަމަށެވެ. ސައްލެ ވިދާޅުވީ، ޤައުމު ބަނގުރޫޓުވެދާނެ ކަމަށާއި، އިންފްލޭޝަން މައްޗަށް ހިނގައި ދާނޭ ކަމަށް ވިދާޅުވެ މިދަނޑިވަޅުގައި ވާހަކަ ދައްކާއިރު، އެއީ މިވަގުތު ދުނިޔެ އޮތް ގޮތަށް ބަލާއިރުގައި، ގައުމަށާއި، ރައްޔިތުންނަށް، ހެޔޮ އެދިގެން ދައްކާ ވާހަކަތަކެއްކަމަށް ޤަބޫލުކުރަން ދަތިކަމަށެވެ. ސައްލެ މިހެން ވިދާޅުވެފައިވާއިރު ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރުމުގެ ހުއްދަ އިއްޔެ މަޖިލީހުން ވަނީ ދީފައެވެ. ރާއްޖޭގައި ފައިސާ އިތުރަށް ޗާޕްކުރާތީ އިޤްތިޞާދީ ދާއިރާގެ ބޭފުޅުންވެސް ވަނީ ފާޑުވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.