ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ޓަކައި، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތަށް ''މަހަ މަންފާ''ގެ ނަމުގައި އައު ފައިނޭންސިން ސްކީމެއް ތައާރަފްކޮށްފިއެވެ. މި ސްކީމަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ސްކީމެކެވެ. މި ސްކީމުގެ މައިގަނޑު މަގްސަދަކީ

  • މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދިނުން.
  • ރާއްޖޭގެ އެކި ހިސާބުތަކުގައި މަހުގެ ބާވަތްތަކަށް ވެލިއު އެޑިޝަން ހެދުމަށް ބޭނުންވާ ވަސީލަތްތަކާއި، އުފެއްދުންތައް ބަންދު ކުރުމަށް މާލީ އެހީ ލިބޭނެ
  • މަސް ހަލާކުވެދިޔަ ނުދީ ރައްކާކުރެވޭނެ ނިޒާމްތައް ގާއިމްކުރުމަށް މާލީ އެހީ ލިބޭނެ

''މަހަ މަންފާ'' ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000 ރުފިޔާއާއި 400,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސިން ފޯރުކޮށްދެވޭނެއެވެ. ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މިއީ ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %6 ރޭޓުން ދޫކުރެވޭ ފައިނޭންސިންއެކެވެ. މި ފައިނޭންސިން ސްކީމުގެ ކުރިން ވެސް، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ފަރުމަސްވެރިކަމުގެ ދާއިރާއިން ކުދި ވިޔަފާރިތައް އިތުރުކުރުމަށް ގިނަ ފަރާތްތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ''މަހަ މަންފާ'' ސްކީމަށް އެދި ހުށަހެޅުމަށް ގައި ހިމެނޭ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މިމަހު 13 ގައި ހުޅުވާލެވޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލުން ވަނީ ބުނެފައެވެ.