ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ތިން މީހަކު ބަންދުން ދޫކޮށްލައިފިއެވެ. މި މީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ހަތަކަށް އަރާއިރު، ބަންދުން ދޫކޮށްލި ތިން މީހުންގެ ތެރޭގައި އެކަމަށް ފަންޑު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ހިމެނެއެވެ. މީގެ އިތުރުން ކޮންޓެއިނަރު ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ވެސް ވަނީ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލާފައެވެ. ޕީޖީ އޮފީހުން ވިދާޅުވީ، ވަހީދާއި އާރިފް ބަންދުން ދޫކޮށްލީ އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. ހަމަ އެފަދައިން ޙަސަން ޢަބްދުއްރަޙްމާން ވެސް ބަންދުން ދޫކޮށްލީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީން ހާމަކުރެއްވިއެވެ. މި ތިން މީހުން ބަންދުން ދޫކޮށްލުމަށް އެދި ޕީޖީ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ އޮފީހުން އެދުނު ގޮތަށް އެ މީހުން ވަނީ ދޫކޮށްލާފައެވެ. މި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ޑިސެންބަރު ތިން ވަނަ ދުވަހު ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. ޕީޖީން ވިދާޅުވީ، މި މައްސަލާގައި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާއިރު، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ބަންދުގައި މިހާރު ތިބި މީހުން:

  • ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް
  • ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމް
  • ހ. ރުމޭނިޔާ، އަޙްމަދު ފިރުސާން
  • ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙު
  • ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދު
  • ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ
  • ހ. ނިއުހެޕިނަސް، މުޢާޛު ޢަލީ

ޕީޖީން ވިދާޅުވީ، މި މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާނެ ކަމަށެވެ. ސަބަބަކީ، އެމީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ވާތީ ކަމަށްވެސް ޕީޖީން ވިދާޅުވިއެވެ.