1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައިސް ލިބެންހުރި މިންވަރު ބެލޭނެ 'ކެޔޮޅު އެޕް' އަދި ގިނައިރު ކިޔުގައި ނުޖެހި މަސްކިރުވުމަށް 'މަސް ކިރާ' އެޕްލިކޭޝަން!

MASHL
އައިސް ލިބެންހުރި މިންވަރު ބެލޭނެ 'ކެޔޮޅު އެޕް' އަދި ގިނައިރު ކިޔުގައި ނުޖެހި މަސްކިރުވުމަށް 'މަސް ކިރާ' އެޕްލިކޭޝަން ތައާރަފުކޮށްފި
މަރްޔަމް ޝަފާ ސައީދު
145ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަސްވެރިންގެ ދުވަހާ ގުޅުވައިގެން، މަސްވެރިކަމުގެ ދާއިރާއަށް ޒަމާނީ ހައްލުތަކެއް ތައާރަފުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދެ މުހިންމު އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފައެވެ. އޭގެ ތެރޭގައި، އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު ބެލޭނެ 'ކެޔޮޅު އެޕް' އާއި، މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްކިރުމުގެ ކަންކަން ފަސޭހަކުރުމަށް ތައްޔާރުކުރި 'މަސް ކިރާ' އެޕްލިކޭޝަން ހިމެނެއެވެ. މި ދެ އެޕްލިކޭޝަން ތައާރަފުކުރުމުގެ ސަބަބުން މަސްވެރިންނަށް ގިނަ ވަގުތު ސަލާމަތްކުރެވޭނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިފްކޯގެ 'މަސް ކިރާ' އެޕްލިކޭޝަން

'މަސް ކިރާ' އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާޙީމްއެވެ. މިފްކޯއިން ބުނިގޮތުގައި، މި އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. މީގެ އިތުރުން، މަސްވެރިންނަށް އެމީހުންގެ ދޯނި ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެންދެއެވެ.

300 × 250

މި އެޕްލިކޭޝަން މެދުވެރިކޮށް މަސްކިރުން ފިޔަވައި، ތެޔޮ، ފެން އަދި އައިސް ފަދަ ޚިދުމަތްތަކަށްވެސް އެދެވޭނެއެވެ. މި ހުރިހާ ކަމެއް ނިމުމަށްފަހު، މަސް ކިރުމަށް ޓޯކަން ޖެނެރޭޓް ކުރެވޭނެއެވެ. އަދި ޓޯކަން ޖެނެރޭޓް ކުރުމަށްފަހު، ކިއު ނަންބަރު ވަގުތުން ބަލާލުމުގެ ފުރުސަތުވެސް މަސްވެރިންނަށް ލިބިގެންދެއެވެ. މީގެ އިތުރުން، އެ ދޯންޏަކުން މީގެ ކުރިން މަސްކިރުވި އަދަދުތަކާއި ތަފާސްހިސާބުތައް ބަލާލެވޭނެ އިންތިޒާމުވެސް މި އެޕްލިކޭޝަންގައި ވަނީ ހަމަޖައްސާފައެވެ. މި އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ 'ކެޔޮޅާ މޯލްޑިވްސް'ގެ ރައީސާ ޝަފްގާ ޝަފީގުގެ ކޮންސެޕްޓަކަށް، ފުޅާ ދާއިރާއެއްގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.

އައިސް ލިބެންހުރި މިންވަރު ބެލޭ 'ކެޔޮޅު އެޕް'

އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރ. ދުވާފަރުގައި ކުރިއަށްދިޔަ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާންއެވެ.

'ކެޔޮޅު އެޕް'ގެ މި ފީޗަރ މެދުވެރިކޮށް، ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަޙައްދުތަކާއި ރަށްތަކުގެ މަޢުލޫމާތު ލިބޭނެއެވެ. އަދި އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، ދޯނިތަކަށް ލިބޭނެ މިންވަރުވެސް ވަގުތުން އެނގޭނެއެވެ. މި ޚިދުމަތުގެ ސަބަބުން މަސްވެރި އޮޑިދޯނިފަހަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބި، ވަގުތާއި ޚަރަދު ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ދެ ޒަމާނީ ހައްލުގެ ސަބަބުން މަސްވެރިން ގިނަ ވަގުތު ކިއުގައި ޖެހިގެން ހުންނަންޖެހޭ ހާލަތަށް ނިމުމެއް ގެނެސްދޭނެކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި