މާލޭގައި ޤަވައިދާ ޚިލާފަށް ހިންގާ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައި ފާސްކޮށް، އޭގެ ތެރެއިން ޤަވައިދާ ޚިލާފަށް ހިންގަމުންދިޔަ ތިން ތަނެއް ބަންދުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ދެކޮޅަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގައި ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެެވެ. އަދި ބަލައި ފާސް ކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގަމުންދާ 03 ތަނެއް ވަގުތުން ބަންދުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއްވިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވައި، އެ މީހުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ވަރަށް ބާރަށް ކުރައްވަމުންނެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނާ މެދު އިޙުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ. https://twitter.com/ImmigrationMV/status/2000505796887757300?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2000505796887757300%7Ctwgr%5E4b3e27c27581913618eeeca56ffa39d9bc467061%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F170723 އިމިގްރޭޝަނުން ފާހަގަކުރައްވާ ގޮތުގައި، ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އެފަދަ މީހުން ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި، އަމިއްލަ މަސައްކަތްތަކާއި ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަރުދަނާކޮށް ކުރިއަށް ގެންދަމުންނެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ހިންގާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.