މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) މިއަދު ޢާންމުކޮށްފިއެވެ. މިއީ މި އަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން ކުރަންޖެހޭ މުހިންމު ކަމެކެވެ. މި އުޞޫލުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކާއި، ޕްރޮގްރާމިންއާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައްވެސް މި ސުލޫކީ މިންގަނޑުގައި ވަނީ ތަފުސީލުކޮށް ބަޔާންކޮށްފައެވެ. ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިފަހައްޓަންޖެހޭ މުހިންމު ހަމަތަކުގެ ތެރޭގައި:

  • އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
  • ޤައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން.
  • އިޖުތިމާޢީ އަޚުލާޤާއި އާންމު ނިޒާމު ހިފެހެއްޓުން.
  • މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުން.
  • ތެދު މަޢުލޫމާތު ހާމަކުރުމާއި އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން.
  • އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް، ޤާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުން.
  • ކުޑަކުދިންގެ ޙައްޤުތަކަށް ގެއްލުންވާނެ ފަދަ ޚަބަރާއި މަޢުލޫމާތު ނުފެތުރުން.

މީގެ އިތުރުން، އެމް.އެމް.ބީ.ސީގެ ސުލޫކީ މިންގަނޑުގައި ކޮޕީރައިޓު ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓާ ބެހޭ ބައެއް ވެސް ހިމަނާފައިވެއެވެ. އެގޮތުން އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރުމުގައި، އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދަޔާއެކު އެ ފަރާތަށް ކްރެޑިޓްދީގެން މެނުވީ އެ ކޮންޓެންޓެއް ގެނެސްދީގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެހެން ފަރާތެއްގެ އުފެއްދުމެއް ބޭނުންކުރުމުގައި އޭގެ އަސްލު އޮޅުވައިލައިގެން އެއީ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްނުދިނުމަކީވެސް މިންގަނޑާ ޚިލާފު ކަމެއްކަން ވަނީ ހާމަކޮށްފައެވެ. އާޓިފިޝިއަލް އިންޓެލިޖެންސް (އޭ.އައި) ބޭނުން ކުރުމާ ގުޅޭގޮތުންވެސް މި މިންގަނޑުގައި ވަނީ ޚާއްޞަ ބައެއް ހިމަނާފައެވެ. އެގޮތުން އޭ.އައި ބޭނުންކޮށްގެން އުފައްދައިފައިވާ ކޮންޓެންޓް ގެނެސްދިނުމުގައި އެ ކޮންޓެންޓަކީ އެ ފަދަ ގޮތަކަށް އުފައްދައިފައިވާ ކޮންޓެންޓެއްކަން ބަޔާން ކުރަން ޖެހޭނެއެވެ. އަދި އޭ.އައި ބޭނުންކުރަންވާނީ ނޫސްވެރިކަމާއި ކޮންޓެންޓް އުފެއްދުމުގައި އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި ކަމާއި، މި ގޮތުން ގެނެސްދޭ މައުލޫމާތަކީ އޭގެ ތެދުކަން ކަށަވަރުކޮށްފައިވާ މައުލޫމާތަކަށް ވާން ޖެހޭނެ ކަމަށް ވެސް މި ސުލޫކީ މިންގަނޑުގައި ވަނީ ބަޔާންކޮށްފައެވެ.

ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އެ މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި، ނޫހެއް ނުވަތަ މަޖައްލާއެއް ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. މީގެ އިތުރުން، މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިއެއް ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ، ޤާނޫނާ ޚިލާފަށް ކުރި ކަމެއް ރަނގަޅުކުރަން އެންގިދާނެއެވެ. އަދި ކޮމިޝަނުން އަންގާ ވަގުތެއްގައި، ކޮމިޝަނުން އަންގާ ގޮތެއްގެމަތިން، މަޢާފަށް އެދުމަށާއި ކުށުގެ އިޞްލާޙު ޢާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް ޢާންމުކުރުމަށް ވެސް އެންގުމުގެ ބާރު ޤާނޫނުގެ ދަށުން ލިބިގެންވެއެވެ.