ޕޯލްގެ ނަތީޖާއަކީ ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕާއި ސަރުކާރު ކުރިއަށްދާ ގޮތާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވަމުންދާކަމުގެ ހެޔޮ އިޝާރާތެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު އިޝާރާތް ކުރެއްވީ އީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ތާއީދު އޮތް ގޮތް ހޯދުމަށް "ބާނި ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީ" އިން ކުރިއަށްގެންދިޔަ ސާރވޭގެ ނަތީޖާއަށެވެ.

މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވޯޓުލާ އާބާދީއަށް އަމާޒުކޮށް ހިންގި މި ސާރވޭގެ ނަތީޖާއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތާމެދު 62 އިންސައްތަ މީހުން ހިތްހަމަޖެހޭކަމަށް ދެއްކުމަކީ މުޅި ޤައުމުގައި ވެސް ރައީސުލްޖުމްޖޫރިއްޔާއަށް އޮތް ވަރުގަދަ ތާއީދާއި ތަރުހީބު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މި ނަތީޖާއަކީ ސަރުކާރުގެ ދައުރު ދެބައިވާން ގާތްވެފައިވަނިކޮށް ހާސިލުކުރެއްވީ މުހިއްމު ކާމިޔާބެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެ، ވަޒީރު ސަޢީދު ވަނީ ޕީއެންސީ އާއި މުޅި ދިވެހިރާއްޖެ ލީޑުކުރުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިތުރު ކާމިޔާބަށް އެދިވަޑައިގެންފައެވެ. ވަޒީރުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްފުޅާއެކު މިޤައުމަށް ފުރިހަމަ ކުރިއެރުމާއި ހަމަޖެހުން ލިބި، ރައްޔިތުންގެ އިތުބާރާއެކު 2028 ގައި ރައީސް ޑރ. މުޢީއްޒުއަށް ދެވަނަ ދައުރެއް ލިބިގެންދިޔުމަށް އެދި ދުޢާކުރައްވާ ކަމަށެވެ.