ފުލުހުންގެ ގާނޫނީ ދައުރު އަދާކުރަން ހުރަސްއަޅައި، އިންޒާރުދީ، ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު މާލޭ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައި ކަމަށެވެ. އެ ސަރަހައްދުގައި ތިބި ގުރޫޕެއްގެ ބަޔަކު ފެނުމުން، އެމީހުން އުޅުނު ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން އެމީހުން ބަލައިފާސްކުރަން މަސައްކަތް ކުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ:

  • އަހުމަދު ރަޒީން (22އ)، ކެމީ، ފުވައްމުލައް، މިސްކިތްމަގު
  • ނާފިއު އިބްރާހީމް (30އ)، ނަމަން، ފުވައްމުލައް، ފުނާޑު
  • މުހައްމަދު ލުވޭޒް (19އ)، އިރާކުވިލާ، ގދ. ވާދޫ

މި ތިން މީހުން ހައްޔަރުކޮށް، އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އެގޮތުން އަހުމަދު ރަޒީން 5 ދުވަހަށް، ނާފިއު އިބްރާހީމް 2 ދުވަހަށް އަދި މުހައްމަދު ލުވޭޒް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.