ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ 20 ގައި ނިންމާލެވޭނެ ކަމަށް ޢިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ވަޒީރު ވިދާޅުވީ، ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށާއި، މިހާރު ތާވަލްކުރެވިފައިވާ ގޮތުން އަންނަ މަހުގެ 20 އަށް ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "މިހާރު މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން 20 ޖަނަވަރީ 2026އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ. ދެން ރަޖިސްޓްރީ ހެދުމުގެ މަސައްކަތް މި ޖަނަވަރީ މަހު ފެށިގެން ކުރިއަށް ގެންދާނަން. އަދި އިން ކަނޑައެޅޭ މިންވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނަން" ވަޒީރު ވިދާޅުވިއެވެ. ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަލުން ބާރުސްޕީޑުގައި މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތް އަވަސް ކުރުމަށްޓަކައި ސަރުކާރުން ވަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ބޯހިޔާވަހިކަން ޕްލޭން ކުރަނީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަން ޤާއިމްކޮށްދިނުމަށް ކަމަށެވެ. އެގޮތުން އާއިލާތަކަށް ހަމަޖެހިލައިގެން އުޅޭނެ މަގުތަނަވަސް ކޮށްދިނުމަށްޓަކައި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް އިސްކަންދޭނެ ކަމަށްވެސް ވިދާޅުވިއެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން އެ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިހާރުވެސް 7 ސައިޒެއްގެ ޖުމްލަ 698 ގޯތީގެ ގުރުއަތުލުން ވަނީ ނިންމާލާފައެވެ
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ 20 ގައި ނިންމާލެވޭނެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.