ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާގެ މުހިއްމު ފަސް ޕްރޮގްރާމެއް ސަރުކާރުން މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމްއެވެ. މާދަމާއިން ފެށިގެން އާ ޚިދުމަތްތައް ތަންފީޒުކުރަން ފަށަނީ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާ މި ޕްރޮގްރާމްތަކުގެ ތެރޭގައި، އާންމު ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭ ބައެއް ޚިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދިނުމާއި، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތަކަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ. ތެލަސީމިއާ ކުދިންނާއި އެކަނިވެރި މައިންބަފައިންނަށް މާލީ އެހީ އާ އަހަރާއެކު ތެލަސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ ކޮންމެ ކުއްޖަކަށް މަހެއްގެ މައްޗަށް 2,000 ރުފިޔާގެ ހާއްސަ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރުވެސް ވަނީ އިތުރުކޮށްފައެވެ. މި ބަދަލާއެކު، ގިނަވެގެން 4 ކުދިންނާ ހަމައަށް، ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދެމުންދާނެއެވެ. ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 'މެރަނާ' ސްކީމް ފުޅާކުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ރައްޔިތުންނަށް 'މެރަނާ' ސްކީމް މެދުވެރިކޮށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ޕްރޮގްރާމުގެ ދަށުން ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ 65 އިންސައްތަ ސަރުކާރުން ހަމަޖައްސައިދޭނެއެވެ. މާދަމާއިން ފެށިގެން ތަންފީޒުކުރާ މުހިއްމު 5 ކަންތައް:
- ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދިނުން
- ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތަކަށް އާސަންދަ ތަޢާރަފްކުރުން
- ތެލަސީމިއާ ބަލި ތަޙައްމަލްކުރާ ފަރާތްތަކަށް މަހަކު 2,000 ރުފިޔާގެ އެލަވަންސް ދިނުން
- އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރު އިތުރުކުރުން
- 'މެރަނާ' ސްކީމް މެދުވެރިކޮށް ފިލިޕީންސްގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ޚަރަދުގެ 65 އިންސައްތަ ހަމަޖައްސައިދިނުން







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.