1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހައްޖު ކޯޕަރޭޝަނުން އައު ވެބްސައިޓު ތައާރަފު ކޮށްފި؛ މޮބައިލް ފޯނުން ޚިދުމަތްތައް ހޯދަން ފަސޭހަވާނެ!

65
ހައްޖު ކޯޕަރޭޝަނުން އައު ވެބްސައިޓު ތައާރަފު ކޮށްފި
މަރްޔަމް ޝަފާ ސައީދު
201ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު މަޢުލޫމާތާއި ޚިދުމަތްތައް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން އެ ކޯޕަރޭޝަންގެ އައު ވެބްސައިޓު ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

މި އައު ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ހައްޖު ކޯޕަރޭޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.

ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އައު ވެބްސައިޓު ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ހައްޖު އަދި އުމްރާގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. އަދި ހައްޖާއި އުމްރާއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް އަވަސްކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަކީވެސް މި ބަދަލުގެ މުހިންމު ބައެކެވެ.

300 × 250

މި ވެބްސައިޓުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ހައްޖު ކިއުލިސްޓު އާންމުންނަށް ފެންނާނެ ގޮތަށް ހިމަނާފައިވުމެވެ. މީގެ އިތުރުން، ކޯޕަރޭޝަނުގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ދޭ ޚިދުމަތްތައް ހޯދުމުގައި މިހާރު އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ވެބްސައިޓުގައި ހައްޖު އަދި އުމްރާ ދަތުރުތަކުގެ އިތުރުން، ކޯޕަރޭޝަނުން ކުރިއަށްގެންދާ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ ޚަބަރުތަކާއި ފޮޓޯތައް ވެސް ޝާއިއުކުރަމުންދާނެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި ވެބްސައިޓު ފަރުމާކޮށްފައިވަނީ މޮބައިލް ފޯނުން ޚިދުމަތްތައް ހޯދަން ފަސޭހަވާނެ ގޮތަށް "މޮބައިލް ފްރެންޑްލީ" ކޮށް ކަމަށެވެ. މީގެ ބޭނުމަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯނު މެދުވެރިކޮށް އަވަހަށް ޚިދުމަތްތަކަށް އެދުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލުމެވެ.

ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ދަށުން، އެ ކޯޕަރޭޝަނުން މިހާރު ދަނީ މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި އެޕްލިކޭޝަން ވުޖޫދަށް އައުމުން، ވެބްސައިޓާއި "ފަހެލި" ޕޯޓަލް މެދުވެރިކޮށް ލިބޭ ހުރިހާ ޚިދުމަތްތަކެއް އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޒަމާނީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި