މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާއްމުކޮށްފިއެވެ. މިއީ ސިޔާސީ ޕާޓީގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށުވަރުކޮށް އާއްމުކުރަން ޖެހޭ އުސޫލުގެ ދަށުން ހާމަކުރި މައުލޫމާތެކެވެ. އީސީން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. އެ ޕާޓީގައި ޖުމްލަ 74,048 މެންބަރުން ރަޖިސްޓަރީވެފައިވެއެވެ. ދެވަނައަށް އެންމެ މެންބަރުން ގިނައީ އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. އެ ޕާޓީގައި ތިބީ 43,784 މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައިވާ ގޮތުން އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދުތަކަކީ:

  • ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 12,343 މެންބަރުން،
  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި 9,686 މެންބަރުން،
  • އަދާލަތު ޕާޓީ (އޭޕީ) ގައި 8,267 މެންބަރުން.
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި 5,133 މެންބަރުން،
  • ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގައި 3,012 މެންބަރުން،
  • ދަ ޑިމޮކްރެޓްސްގައި 2,952 މެންބަރުން
  • މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި 1,710 މެންބަރުން ތިބި ކަމަށް އީސީން ބުނެއެވެ.

އީސީން ވިދާޅުވީ އެ ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށް އެ ކޮމިޝަނުގެ ޕޯޓަލް އަށް ކަމަށެވެ. މި ނިޒާމަކީ ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ ހުރިހާ ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ހިދުމަތެއް ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ. މި ބަދަލުތަކާއެކު ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުމާއި، ވަކިވުމުގެ އިތުރުން، ޕާޓީއަކުން އެ ޕާޓީގެ މެންބަރަކު އުނިކުރުމަށް އެދި ހުށަހެޅުމުގައި އަމަލުކުރާ އުސޫލުތަކަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.