ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް (އިން-ވިޓްރޯ ފާޓިލައިޒޭޝަން) މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ދަރިއަކު އުފަންވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހީ ފަރުވާގެ ދާއިރާއިން ހޯދި ތާރީޚީ ބޮޑު ކާމިޔާބީއެކެވެ. އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ފަރޓިލިޓީ ސެންޓަރުގައި މިއަދު އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެފައިވާ ކަމަށާއި، އުފަންވި ދަރިފުޅާއި މަންމަގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށެވެ. މި ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 15 ނޮވެމްބަރު 2024 ގައި ރަސްމީކޮށް ހުޅުއްވައިދެއްވި ތަނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މިއީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އާ އުންމީދެއް ކަމަށެވެ. "މި ފުރުޞަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ދަންނަވަން،" ހަލީމް ވިދާޅުވިއެވެ. ހަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ ދިވެހި އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހުނު ބޮޑު ތަކުލީފެކެވެ. ނަމަވެސް ރާއްޖޭގައި މި ހިދުމަތް މުޅިން ހިލޭ ލިބޭނެ ގޮތް ހަމަޖެހިގެންދިއުމަކީ ރައްޔިތުންގެ ތަކުލީފުތަކަށް ލިބުނު ދާއިމީ ހައްލެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދާ އެއްގޮތަށް މިހާރު ވަނީ އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 144 ފަރާތަކުން މި ސެންޓަރުގެ ހިދުމަތް ހޯދާފައިވާއިރު، އައިވީއެފް އަދި އައިޔޫއައި ފަރުވާގެ އެހީ 105 ފަރާތަކަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 84 ފަރާތަކުން މިހާރު ވަނީ އަމަލީ ގޮތުން ފަރުވާ ފަށާފައެވެ. ސަރުކާރުން ވަނީ މި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި 15 މިލިއަން ރުފިޔާގެ ފަރޓިލިޓީ ކެއަރ ފަންޑެއް ވެސް ގާއިމުކޮށްފައެވެ. ސަރުކާރުން ދެކޭގޮތުގައި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ފަރުވާތަކަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސީ ހިދުމަތެކެވެ.
ތާރީޚީ ކާމިޔާބީއެއް، ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރަތަަމަ އައިވީއެފް ކާމިޔާބު؛ ކުއްޖާ އާއި މަންމަގެ ހާލުވެސް ރަނގަޅު!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.