މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް 7 ރިސޯޓެއް ހުޅުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ އަދަދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުވެސް ރާއްޖޭގައި 6 ރިސޯޓެއް ވަނީ ހުޅުވާފައެވެ. އޭގެ ތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސްއާއި، ހއ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓްގެ އިތުރުން ރަލް ރީފް ރިސޯޓު ބައި ބާސެލޯ އަދި ރިއު ޕެލަސް ރިސޯޓު ހިމެނެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 178 އަށް އަރާފައެވެ. މިއާއެކު ރިސޯޓުތަކުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 44,697 އަށް އިތުރުވެފައެވެ. ރާއްޖޭގެ އެންމެ ގިނަ އެނދު ހުރީ މާލެ އަތޮޅުގައެވެ. އެއީ މުޅި ރާއްޖޭގެ އެނދުގެ ނިސްބަތުން 31 އިންސައްތައެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 200,000 ފަތުރުވެރިންގެ އިތުރުވުމެކެވެ. މީގެ އިތުރުން، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މިންވަރުވެސް ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިން ވަނީ ޖުމްލަ 5.4 ބިލިއަން އެމެރިކާ ޑޮލަރު ރާއްޖޭގައި ހޭދަކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.8 އިންސައްތައިގެ ކުރިއެރުމެކެވެ. މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު 7 ރިސޯޓެއް ހުޅުވަނީ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.