ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއް ހުއްޓުވުމަށް ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި "އޮޕްރޭޝަން އަލިމަގު" ގެ ދަށުން މި ހާއްސަ ހަރަކާތް ކުރިއަށްދަނީ ގއ. އަތޮޅާއި މާލެ ސަރަހައްދުގައެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ނެޓްވޯކްތައް ހުއްޓުވައި، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފެށި މަސައްކަތެކެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި، ފުލުހުންގެ އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެންނެވެ. މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ފެށި ގައުމީ އޮޕަރޭޝަން "އަލިމަގު" ގެ ދަށުން މިހާތަނަށް 193 މީހުން ހައްޔަރުކޮށް، 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 34 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގަތް މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހުން ހިމެނެއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފައިވަނީ "އަލިމަގު" އޮޕަރޭޝަނުގެ ދަށުން ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މިއީ ހަ މަސް ދުވަހުގެ ދިގު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގާ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "ދެން އޮތީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މި ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ބޮޑެތި ވިޔަފާރިވެރިންނާ ހަމައަށް ދިޔުން،" މިނިސްޓަރު ވިދާޅުވިއެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި ހަރަކާތް ކަމަށެވެ. އެއް ވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމުގެ މި އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މަސްތުވާތަކެތިން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއް ހުއްޓުވުމަށް ބޮޑު އޮޕަރޭޝަނެއް

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.