އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅެނިކޮށް، ސިއްހީ ހާލަތު ގޯސްވެގެން އެ ގައުމުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ދިވެހި އުމްރާވެރިޔާ ރާއްޖެ ގެނެސްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެ މީހާ ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މިހާރު އެ މީހާއަށް ރާއްޖޭގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. މި އުމްރާވެރިޔާގެ ހާލު ގޯސްވެގެން އެޑްމިޓްކޮށްފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރެއްވީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހު ވަޒީރު ވިދާޅުވީ، ބަލިމީހާ ރާއްޖެ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މި ފަހަރުގެ ސްކޫލް ބަންދާ ދިމާކޮށް ހަތް ހާހަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ. މީގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އުމްރާވެރިން މިހާރު ވަނީ ރާއްޖެ އަންނަން ފަށާފައެވެ. ސްކޫލް ބަންދާއި ދިމާކޮށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ފުރައެވެ. މިދިޔަ އަހަރުގެ ބަންދުގައި ވެސް ރެކޯޑް އަދަދަކަށް މީހުން އުމްރާއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.