1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ހާއްސަކުރަނީ އައްޑޫގެ މަޝްހޫރު ޅެންވެރިޔާ ޙަސަން ލަބީބަށް

78
މަރްޔަމް ޝަފާ ސައީދު
94ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރު ފާހަގަކުރާ ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ، އައްޑޫ ސިޓީއަށް ނިސްބަތްވާ މަޝްހޫރު ޅެންވެރިޔާ، އަލްފާޟިލް ޙަސަން ލަބީބަށް ޚާއްސަކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ، ކެމީ، ޙަސަން ލަބީބަކީ ދިވެހި ޅެންވެރިކަމާއި އަދަބީ ދާއިރާއަށް 1960 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އުމުރުން އެންމެ 15 އަހަރުގައި ޅެން ހައްދަވަން ފެށްޓެވި ލަބީބުގެ ޅެންތަކާއި ލިޔުންތައް، އެ ދުވަސްވަރު ނެރުނު "ފަތްތޫރަ" މަޖައްލާތަކުންވެސް ފެންނަން ހުރެއެވެ.

ދިވެހި އަދަބިއްޔާތަށް ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 2021 ވަނަ އަހަރު ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އޭނާއަށް އަރުވާފައެވެ. ލަބީބަކީ ޅެންވެރިކަމުގެ އެކިއެކި މުބާރާތްތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތައް ހޯއްދަވާފައިވާ ކުޅަދާނަ ޝާޢިރެކެވެ.

300 × 250

ޙަސަން ލަބީބުގެ ޚިދުމަތްތަކުގެ ތެރޭގައި، އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި ޅެންވެރިކަމުގެ ކޯސްތަކާއި ކްލާސްތައް ހިންގެވުން ހިމެނެއެވެ. މިގޮތުން މިހާތަނަށް 200 އެއްހާ ޅެންވެރިން މި ދާއިރާއަށް އޭނާ ވަނީ ނެރެދެއްވާފައެވެ. މީގެ އިތުރުން "ޅެންވެރިންގެ ބަހާރު" މަންސަގެ މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، 2021 ވަނަ އަހަރުން ފެށިގެން "ޝާޢިރުންގެ ވާދީ" ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓަރީ ކުރައްވައިގެން ޅެންވެރިކަން ދިރުވުމަށް ގައުމީ ފެންވަރުގައި ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ޙަސަން ލަބީބު ހައްދަވާފައިވާ ގިނަ ޅެންތަކަކީ ޤައުމީ މުނާސަބަތުތަކަށާއި، އައްޑޫގެ އެކި ސްކޫލްތަކުގެ ޚާއްޞަ ޖަލްސާތަކަށް ހައްދަވާފައިވާ އިބުރަތްތެރި ޅެންތަކެކެވެ. އަދި ބައެއް އުރުދޫ ޅެންތައްވެސް އޭނާ ވަނީ ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައެވެ.

ކޮންމެ އަހަރަކުވެސް ޅެންވެރީންގެ ދުވަސް ޚާއްސަ ކުރަނީ ދިވެހި ޅެންވެރިކަމުގެ ބަގީޗާގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދީބުންނަށެވެ. މިއަހަރުގެ ޖަލްސާ ޙަސަން ލަބީބަށް ޚާއްސަކުރެވިގެންދާއިރު، މިއީ އޭނާގެ ދިގު މުއްދަތުގެ ޚިދުމަތަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި