1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާ ހުޅުވާލަނީ

99
ޝަފްޢަތު ، ހުވަދޫ މީޑީއާ
562ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާ ހުޅުވާލުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ނިންމައިފިއެވެ. މި ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

މި ސްކީމްގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށާއި، މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ސްކީމްތަކާއި ކެޓަގަރީތަކުގެ ތަފްޞީލް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައެވެ.

ކުރިން މި ސްކީމަށް ފޯމު ހުށަހެޅުން ޖެނުއަރީ 4 ގައި ފެށުމަށް ނިންމާފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި އޮޅުންފިލުއްވި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށްޓަކައި މި ތާރީޚު ވަނީ ޖެނުއަރީ 15 އަށް ފަސްކޮށްފައެވެ. މައިގަނޑު އިސްލާޙެއްގެ ގޮތުގައި، ކުރީގެ ސްކީމްތަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އާއިލާގެ ބޮޑުމިނަށް ބަލައި 3 ކޮޓަރީގެ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

300 × 250

ފްލެޓާއި ގޯތި ދޫކުރާ ކެޓަގަރީތައް:
ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓެވެ. ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބިން ކުޑަވެގެން ބަދަލުކުރާ ފަރާތްތަކަށް ވަކި އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ.

ޚާއްޞަ ކެޓަގަރީތަކުގެ ތެރޭގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކުރިން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، ފްލެޓް ހަވާލުނުކުރެވޭ ފަރާތްތަކަށްވެސް ވަކި ކެޓަގަރީއެއް ވަނީ ހަމަޖައްސާފައެވެ.

ފޯމު ހުށަހެޅުމުގެ އިޖުރާއާތު:
ހުރިހާ ފޯމެއްވެސް ހުށަހަޅަންޖެހޭނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ. އީފާސް ބޭނުންކޮށްގެން ޕޯޓަލަށް ލޮގިން ވެވޭނެއެވެ. ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމެއްގެ އެންމެ ކެޓަގަރީއަކަށެވެ.

މި ސްކީމަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަކަށެވެ. މި މުއްދަތު ގުނާނީ 14 ޖެނުއަރީ 2026 ގެ ނިޔަލަށެވެ. ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށް ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި