މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމަކީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅުގެ ތެރެއިން ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުމުގައި މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ހުށަހެޅުމުގެ ފުރުސަތު ރައީސް ވަނީ އެ ކުންފުނިތަކުގެ ވެރިންނަށް ދެއްވާފައެވެ. މަޖޫރީންނަކީ މުޅި އިގުތިސާދާ ގުޅިފައިވާ، ރެއާއި ދުވާލު ބުރަ އަދި ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ އަޑު އެމަނިކުފާނު ވަނީ އައްސަވާފައެވެ. މަޖޫރީންގެ ވެރިން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މުދާ އުފުލާ ގަޑިތަކާ ގުޅޭ މައްސަލަތަކާއި، އިދާރީ ނިޒާމުގައި ހުރި ހުރަސްތައް ހިމެނެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ހުރި ނުރައްކާތަކާއި، ވަސީލަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބުނި ގޮތުގައި، މީގެ ކުރިން އެއްވެސް ވެރިޔަކު މިފަދަ ގާތް ގުޅުމެއް ބާއްވައި، އެމީހުންގެ ޝަކުވާތައް އަޑުއެހުމަށް ފުރުސަތު ދެއްވާފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖޫރީންގެ ވެރިން ފާހަގަކުރެއްވި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ފުރުސަތުގެ ސަބަބުން އިދާރީ އިންތިޒާމުތައް ހަރުދަނާވެ، މަސައްކަތުގެ ކަންކަން އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށް އެ ފަރާތްތަކުން އުންމީދު ކުރެއެވެ. ޒަމާންތަކެއް ވަންދެން ހައްލުނުވެ ހުރި މިފަދަ މައްސަލަތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކަކީ، ރައްޔިތުންގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.