ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ ޖުމްލަ 5 ރަށެއްގައި އިސްލާމީ މަރުކަޒާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
ޅ. ނައިފަރުގައި 1000 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަރުކަޒުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުގެ އިތުރުން، ކްލާސްރޫމްތަކާއި، ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ހިމެނެއެވެ.
ހއ. އިހަވަންދޫގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާއިރު، ގއ. ވިލިނގިލީގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި ދެ މަރުކަޒުގައިވެސް ކްލާސްރޫމާއި، ލައިބްރަރީ އަދި ކޮންވެންޝަން ހޯލް ފަދަ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒެއް ތަރައްޤީކުރުމަށާއި، ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. ވިލިނގިލީ ޤުރުއާން މަރުކަޒުގައި ކްލާސްރޫމްތަކާއި ޙިފްޒް ކޮޓަރި ހިމެނޭއިރު، ގުޅީގައި ބިނާކުރާ މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން ކްލާސްރޫމަކާއި ލައިބްރަރީއެއް ހިމެނުމަށް ވަނީ ނިންމާފައެވެ.
ދީނީ ދާއިރާއިން ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ރަމަޟާން މަހަށް ޖުމުލަ 15 މިސްކިތެއްގެ މަސައްކަތް ނިންމައި، ނަމާދުކުރަން ހުޅުވާލުމަށް އަމާޒު ހިފާފައިވެއެވެ.

