ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅުކޭސް ނެގުމުގައި، އެއް އައިޑީކާޑު ބޭނުންކޮށްގެން ނެގޭނީ އެންމެ ގިނަވެގެން ދެ ގޭބިސީއަކަށްވާ މަސްދަޅުކޭސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ މަސްދަޅުކޭސްތައް ދޫކުރުމުގައި ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ސަރުކާރުން ދަނީ ރޯދަ ހަދިޔާ ދެމުންނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވީ، މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި މިއަހަރުގެ އިންތިޒާމުތައް ދުރާލާ ހަމަޖައްސަމުންދާ ކަމަށެވެ. ސްޓޭޓް މިނިސްޓަރ ފަތުޙީ ވިދާޅުވީ، ގިނަ ގެތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކުގެ ކޭސްތައް ގޭގެ ވެރިން ނެގުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މިއަހަރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. "ފާހަގަކޮށްލަން ބޭނުން ކޮންމެ ގޭބިސީއަކަށް އެއް ކޭސް ލިބިވަޑައިގަންނަވާނީ. އަދި ކޮންމެ ބޭފުޅަކަށް އެއް އައިޑީކާޑު ބޭނުންކުރައްވައިގެން ނެންގެވޭނީ ދެ ގޭބީސީއަކަށްވާ އަދަދު. ދެން އެ އައިޑީ ބޭނުންކުރައްވައިގެން އެބޭފުޅަކަށް އިތުރު އެޕޮއިންޓްމެންޓެއް ނުއެއް ހެއްދެވޭނެ،" ފަތުޙީ ވިދާޅުވިއެވެ. މަސްދަޅު ކޭސް ނެގުމަށް ރަޖިސްޓްރީކޮށް، ޓޯކަން ނެގުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހިފައެވެ. "ރޯދަ ހަދިޔާ.އެމްވީ" ޕޯޓަލް މެދުވެރިކޮށް 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ޓޯކަން ނެގޭނެއެވެ. ގޭގައި އުޅޭ އެހެން މީހެއްގެ އައިޑީ ބޭނުންކޮށްގެން އިތުރު މީޓަރުތަކަށް ކޭސް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވުޒާރާއިން ބުނެއެވެ. މަސްދަޅު ކޭހުގެ އިތުރުން، މިއަހަރުގެ ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ގޭބިސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް އަންނާނީ 400 ރުފިޔާގެ ކަރަންޓު ބިލެކެވެ. ނިމިދިޔަ އަހަރުގެ ރަމަޟާން މަހު ސަރުކާރުން ވަނީ ޖުމްލަ 111,231 މަސްދަޅު ކޭސް ބަހާފައެވެ. މީގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި، އަތޮޅުތަކުގެ ގޭބިސީތަކަށް ދޫކުރި 60,712 ކޭސް ހިމެނެއެވެ.
ރޯދަ ހަދިޔާ؛ އެއް އައިޑީކާޑަކަށް ދޫކުރާނީ ގިނަވެގެން 2 މަސްދަޅު ކޭސް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.