މާލެ ސިޓީގެ ގޭގޭގައި ހުރި، ނައްތާލަން ބޭނުންވާ ބައުވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފްތަކާއި، ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް ނައްތާލުމަށްޓަކައި މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މާދަމައިން ފެށިގެން މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ތަކެތި ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށެވެ. މާލޭގެ ތިން ސަރަޙައްދެއްގައި މި ތަކެތި ބަލައިގަތުމުގެ އިންތިޒާމު ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގައި ނަމަ ސިނަމާލެ 3 ގެ ގޯތިތެރެއިން (ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ) މި ތަކެތި ބަލައިގަންނާނެއެވެ. މީގެ އިތުރުން ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަނުން އަދި ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީހުން މި ތަކެތި ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލައިގަންނާނީ ހަމައެކަނި ގޭގެއިން ގެންނަ، ނައްތާލަން ބޭނުންވާ ބައުވެ ނުވަތަ ހަލާކުވެފައިވާ ތަކެތި ކަމަށެވެ. މިއީ މިފަދަ މުޤައްދަސް ލިޔުންތައް ރައްކާތެރިކަމާއެކު ނައްތާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 7994565 ނަންބަރު ފޯނާ ގުޅުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ބައު މުޞްޙަފްތަކާއި ދީނީ ލިޔުންތައް ނައްތާލުމަށް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ހުޅުވާލައިފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.