މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި ދަރިވަރުންގެ މަތީ ތަޢުލީމަށް ދޫކުރާ ލޯނުގެ ގޮތުގައި 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާ ކަމަށާއި، ތަޢުލީމީ ނިޒާމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، ބަދަލުތަކެއް ގެނުވައިދޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ތަޢުލީމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެފަރާތްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ސްކީމުގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކޮށްފައިވެއެވެ. މީގެ އިތުރުން، މިދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 1,438 ދަރިވަރުންނަށް މަތީ ތަޢުލީމުގެ ލޯނު ފޯރުކޮށްދީފައިވާއިރު، ހަމައެކަނި 2025 ވަނަ އަހަރުވެސް 596 ދަރިވަރުންނަށް ލޯނު ހަމަޖައްސައިދީފައިވެއެވެ. https://twitter.com/MMuizzu/status/2014921252759335354 މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު އެކަނިވެސް 2,798 ދަރިވަރަކު އަލަށް ފުރަތަމަ ޑިގްރީ ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވެއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދިޔަ 3,286 ދަރިވަރުން މިދިޔަ އަހަރު ދަސްވެނިވެފައިވާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. ރައީސް މުއިއްޒު ވިދާޅުވީ ދަރިވަރުންނަށް އިންވެސްޓްކޮށް، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މުސްތަޤްބަލު ބައްޓަންކުރުން ނޫން ކަމަށާއި، އެއީ "މުއްސަނދި، ހަމަހަމަކަން ޤާއިމުވެފައިވާ، އަދި ކަންކަމަށް ކުރިމަތިލުމުގެ ޤާބިލުކަން ހުރި ޤައުމެއް ބިނާކުރުން" ކަމަށެވެ. އެންމެން ގުޅިގެން ކުރާ މަސައްކަތުން، އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ކުއްޖަކަށްވެސް ކުރިއަރައިދިއުމުގެ ފުރުޞަތު ހޯދައިދީ، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ މަގު ފަހިކޮށްދެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.