މާލޭގެ މޭޔަރުކަމަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް ނެރުއްވުމަށް ނިންމެވިީ މާލޭގެ ކުރިއެރުމާއި ތަރައްޤީ އެންމެ ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ މައި ޖަގަހާގައި ބޭއްވި ޚާއްޞަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް ނިކުންނެވުމަށް އެމަނިކުފާނު އެދިވަޑައިގަތީ، ސަރުކާރުން މާލޭގެ ރައްޔިތުންނަށްޓަކައި ފަށާފައިވާ މަސައްކަަތްތަކާއި ވެވަޑައިގެންފައިވާ ވަޢުދުތައް އަމާނަތްތެރިކަމާއެކު ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް އެއްބާރުލުންދޭނެ މޭޔަރަކު ބޭނުންފުޅުވާތީ ކަމަށެވެ. އަދި ޤައުމީވަންތަ އިޚްލާސްތެރި ބޭފުޅަކަށް އެ ފުރުޞަތު ދެއްވުމަށް ބޭނުންފުޅުވީކަމަށް ވިދާޅުވެ، ރައީސް ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުން ޤަބޫލުފުޅުކުރެއްވީތީ މޫސާ ޢަލީ ޖަލީލަށް ޝުކުރު އަދާކުރައްވާފައެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕެއިނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވެވި ކަމަށާއި، މިފަހަރުވެސް މާލޭގެ ގޭގެއަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންނަށް އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަންކަން ފާހަގަކުރައްވައި، އެ މައްސަލަ ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދޭން ނިންމި ފްލެޓްތަކާއި ގޯތިތައް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި ރަސްމާލެ ތަރައްޤީގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާއި، އޭޕްރީލް މަހުގެ ތެރޭގައި އެތަނުން ދޫކުރާ ގޯތިތަކުގެ ވަގުތީ ލިސްޓު އާންމުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. “މިދިޔަ ސަރުކާރުން ކަނޑުފަޅުން ދިން ގޯތިތައް ހިއްކާ ނިންމާ ޙަވާލުކުރުން އެދަނީ ހަލުވިކަމާއެކު ކުރިއަށް. ހުޅުމާލޭ ތިންވަނަ ފިޔަވަހި މިހާރު އެއޮތީ ހިއްކާ ނިމިފައި،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ދެ ޑްރެޖަރު މިހާރު އެ ސަރަހައްދުގައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތެއް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރަށް އެއްބާރުލުންދޭނެ އިޚްލާސްތެރި މޭޔަރަކާއި ކައުންސިލް ޓީމެއް ބޭނުންވާކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު އެ ކޮމިޓީގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކޮށް، އެ ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް ބޭފުޅަކަށް ހަދައި، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ ބަޔަކަށް ހެދުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން މާލޭގެ އަންހެނުންގެ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާއިޝަތު އަލައިކާ އަދުނާނަކީ އެ މަޤާމަށް އެންމެ ޤާބިލު ބޭފުޅާކަން ރައީސް ފާހަގަކުރެއްވިއެވެ.

