ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ. މި ހިދުމަތް އެ ހޮސްޕިޓަލުގައި ފަށާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި މި ހިދުމަތް ފަށާފައިވަނީ އައިޖީއެމްއެޗުގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ހާއްސަ ތަމްރީނުތަކެއް ދީފައިވާ ނަރުހުންނާއެކުގައެވެ. މި މަސައްކަތަށް އެ ހޮސްޕިޓަލުގެ ދެ ނަރުހަކު ވަނީ ހާއްސަކޮށް ތަމްރީންކޮށްފައެވެ. ކެންސަރު ބައްޔަށް ފަރުވާދިނުމަށްޓަކައި އެ ހޮސްޕިޓަލުގައި މިހާރު ވަނީ ހާއްސަ ކީމޯ ރޫމެއް ގާއިމުކޮށްފައެވެ. މި ތަނުގައި އެއްފަހަރާ ދެ މީހަކަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ހޮސްޕިޓަލުން މިހާރު ވަނީ ކީމޯ ނެގުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ކީމޯ ނެގުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލަށް ގުޅައިގެން، ސެޝަންތަކަށް ބޭނުންވާ ބޭސް ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ. ކެންސަރުގެ އެކި ބާވަތްތަކަށް ދޭ ފަރުވާގެ ޕްލޭން ތަފާތުވާތީ، ރާއްޖެއިން ބޭރުން ބޭސް ހޯދުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ. އެހެންކަމުން، މިހާރު އެހެން ސަރަހައްދަކުން ކީމޯ ނަގަމުންދާ ފަރާތްތަކާއި، އަލަށް ކީމޯ ފަށަން ތައްޔާރުވާ ފަރާތްތަކުން ވެސް ވީހާވެސް އަވަހަކަށް އެކަން ހޮސްޕިޓަލަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ކީމޯތެރަޕީގެ ހިދުމަތް ފެށި ތިންވަނަ ފަހަރެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރ. އަތޮޅުގައި އެކަނިވެސް 58 މީހަކު ދަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އުނގޫފާރުގައި މި ހިދުމަތް ފެށުމާއެކު، އެ ސަރަހައްދުގެ ގިނަ ބަޔަކަށް ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.