އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ފަސްދޮޅަސް އަހަރުވީ ރަޙުމަތްތެރިކަމުގެ ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙުތިރާމާއި ފަހުމުވުންތަކުގެ ބިންގަލުގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ފޮނުއްވި ސިޓީފުޅުގައެވެ. މި މުނާސަބަތާ ގުޅިގެން ރައީސް މުރްމުއަށް ފޮނުއްވި އެ ސިޓީފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ފަސްދޮޅަސް އަހަރުވީ ރަޙުމަތްތެރިކަމުގެ ގުޅުން ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، އިޙުތިރާމާއި ފަހުމުވުންތަކުގެ ބިންގަލުގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރު މޯދީއަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ހާސިލުކުރެވިފައިވާ ތަރައްޤީގެ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި ސަރަޙައްދީ ފެންވަރުގައި އިންޑިއާއިން ދައްކާ އިސްނެގުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅުން ހަރުދަނާކޮށް، ޢަމަލީގޮތުން އެއްބާރުލުން ދިނުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް އިންޑިއާއިން ދޭ އެހީތެރިކަމުގެ އަގުވަޒަންކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ދެ ލީޑަރުންނަށް ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ފާގަތިކަމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި މެސެޖެއްގައި، ޖުމްހޫރީ ދުވަހަކީ އިންޑިއާއިން ޑިމޮކްރަސީއާއި ހެޔޮވެރިކަމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދުވަހެއްކަން ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހަކީ އިންޑިއާގެ ޖުމްހޫރީ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1950 ވަނަ އަހަރު އެ ޤައުމުގެ ޤާނޫނު އަސާސީ ތަންފީޒުކޮށް، އިންޑިއާއަކީ ޖުމްހޫރިއްޔަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީޚާ ގުޅުވައިގެންނެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙުތިރާމާއި ފަހުމުވުންތަކުގެ ބިންގަލުގެ މަތީގައި: ރައީސް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.