ދިވެހި ފޭލި ވިޔުމުގެ މަސައްކަތް އާލާކުރުމަށް މަސައްކަތް ކުރައްވާ ފަންނުވެރިޔާ ގުމޭރިއާ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، އޭނާ އަމިއްލަ އަތުން ވިޔެފައިވާ ދިވެހި ފޭއްޔެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ގުމޭރިއާ ވަނީ މި ފަންނު ދިރުވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. ގުމޭރިއާ މިއަދު ހަދިޔާކުރެއްވި ދިވެހި ފޭއްޔަކީ 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ދިވެހީންގެ އާންމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުންއައި ފޭއްޔާއި އެއްގޮތަށް ތައްޔާރުކުރައްވާފައިވާ ފޭއްޔެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ބައްދަލުކުރެއްވުމުގައި ގުމޭރިއާ ވަނީ ދިވެހި ފޭލި ވިޔުމަށް އޭނާގެ ޝައުގުވެރިކަން އުފެދިގެންއައި ގޮތުގެ ވާހަކަތައްވެސް ރައީސަށް ކިޔައިދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ޒަމާންވީ މަސައްކަތްތަކާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އުވެމުންދާ މިފަދަ ފަންނުތައް ކުރިއެރުވުމަށް ގުމޭރިއާ ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް ހިތްވަރު ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހިންގެ ޒަމާންވީ އެކިއެކި މަސައްކަތްތަކާއި އާދަކާދަތައް ކުރިއަރުވައި އާލާކުރުމަށް އެކި ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ. ގުމޭރިއާ ފަދަ ފަންނުވެރިން ކުރައްވާ މިފަދަ މަސައްކަތްތަކުގެ ސަބަބުން ދިވެހިވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ފަންނުވެރިޔާ ގުމޭރިއާ އަމިއްލަ އަތުން ވިޔެފައިވާ ދިވެހި ފޭއްޔެއް ރައީސް ޑރ މުއިއްޒަށް ހަދިޔާ ކުރައްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.