ރާއްޖޭގައި ބޭނުންކުރަމުންދާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން، އެ ނޫޓުގެ އައު ސްޓޮކެއް މިއަދު ރާއްޖެ ގެނެސްފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 100 ރުފިޔާގެ ނޫޓުތައް މަދުވުމާ ގުޅިގެން، 2026 ފެބުރުވަރީ 02 ވަނަ ދުވަހު އައު ސްޓޮކެއް އެ އޮތޯރިޓީއަށް ގެނެސްފައިވާ ކަމަށެވެ. މިއީ ބާޒާރުގައި ފައިސާ ދައުރުވުމަށް ބޭނުންވާ މިންވަރަށް ނޫޓު ފޯރުކޮށްދިނުމަށްޓަކައި ގެނައި ޝިޕްމަންޓެކެވެ. މިފަހަރު އަލަށް ޗާޕުކޮށްގެން ގެނައީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ. އާންމުގޮތެއްގައި އެމްއެމްއޭއިން ފައިސާ ޗާޕުކޮށްގެން ގެންނަނީ ބާޒާރުގައި ހުރި ބާވެ ހަލާކުވެފައިވާ ނޫޓުތައް ބަދަލުކުރުމަށާއި، އިގްތިސާދީ ބޭނުންތަކަށް ފައިސާ އިތުރަށް ބޭނުންވާ ހާލަތްތަކުގައެވެ.

  • ރާއްޖޭގައި ކުރިން ބޭނުންކުރަމުން އައި ކަރުދާސް ފައިސާ ބޭނުންކުރުން ހުއްޓާލައި، ޕޮލިމާ ނޫޓު ތައާރަފްކުރީ 2015 ވަނަ އަހަރުއެވެ. ރަންދިހަފަހެއް ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1000 ރުފިޔާގެ ނޫޓެވެ. މި ސީރީޒް ތައާރަފްކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ރަން ޔޫބީލް މުނާސަބަތާ ދިމާކޮށެވެ.

އެމްއެމްއޭއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އިގްތިސާދުގައި ފައިސާ ދައުރުކުރުމަށް ބޭނުންވާ މިންވަރަށް ނޫޓާއި ފައިސާ ފޮތި މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށެވެ.