ސަރުކާރުގެ އެކި އިދާރާތަކުން 367 މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހަމަޖެހިގެން ގޮސްފައިވާ ކަމަށާއި، މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ފޯރުކޮށްދެވިފައިވާ ފުރުސަތުތަކަށް ވުރެ ގިނަ އަދަދެއް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް އެކުލަވައިލި "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ވަޒީރެވެ. ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކިތަންމެ ގާބިލު އަދި ހުނަރުވެރި ބައެއް ނަމަވެސް، މީގެ ކުރިން އެފަދަ މީހުން މުޖުތަމައުގައި ބައިވެރިކުރުވަން ފަސްޖެހެނީ މުޖުތަމައުގެ ތެރެއިން އެފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ވިސްނުމަށްފަހުގައެވެ. ނަމަވެސް މިހާރު މި ވިސްނުން ބަދަލުވަމުން އަންނަކަމަށާއި، މިއަދު އިފްތިތާހުކުރެވުނު އެކްޝަން ޕްލޭނަކީ ޝާމިލު މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވައި، އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށާއި އިގްތިސާދީ ގޮތުން ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީފާއަށް ނިކުތުމަށް ބޭނުންވާ އިލްމާއި ހުނަރު ތަރައްގީކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. "ނުކުޅެދުންތެރިކަމަކީ އިންސާނީ ހައްގުތަކާއި، ގައުމުގެ ތަރައްގީއާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް މިއަދު ވަނީ ހެދިފައި،" ވަޒީރު ވިދާޅުވިއެވެ. އިޖްތިމާއީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލި މި އެކްޝަން ޕްލޭން ބިނާވެފައިވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ;

  • ސިއްހީ ދާއިރާ،
  • ތައުލީމީ ދާއިރާ،
  • މާލީ ދާއިރާ،
  • އިންކްލޫސެބިލިޓީ އަދި
  • އެކްސެސް ޓު ޖަސްޓިސް ދާއިރާއެ

މި ޕްލޭނުގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ދެނެގަނެވި، އެހެން ފަރާތްތަކަށް ބަރޯސާވުން ކުޑަކުރެވޭނެއެވެ. ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުއްޖާ މައިމީހާގެ ބަނޑުގައި އޮންނަ ދުވަސްވަރުން ފެށިގެން، ތަޢުލީމީ މަރުޙަލާއާއި ވަޒީފާގެ މާހައުލާ ހަމައަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެހެންމެ މި ޕްލޭނުގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްގީކޮށް، މަސައްކަތުގެ ތަޖުރިބާއާއި އިގުތިސާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުސަތުތައް ހޯދައިދިނުން ކަމަށާއި މިއީ އެފަރާތްތަކަށް އަމިއްލަ ދިރިއުޅުމެއް ބައްޓަންކުރުމުގެ މަގު ތަނަވަސްކޮށްދޭނެ މުހިންމު މަސައްކަތެއް ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައެވެ،