މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެ މުއައްސަސާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، "މައި އެމްސީއެސް" ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ރޭ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ތިން މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ އަޙްމަދު ފަޞީޙް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާގެ އިތުރުން ކަރެކްޝަންސްގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ކަރެކްޝަންސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއި ޔޫ.އެން.އޯ.ޑީ.ސީ (UNODC)ގެ ފަންނީ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގެ ސަބަބުން ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްވެސް މި ޕްލޭންގެ ދަށުން މަސައްކަތްތަކެއް ކުރެވޭނެއެވެ. UNODC ގެ އެހީތެރިކަމާއެކު ތައްޔާރުކުރި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމަކީ ޤައިދީންނާއި ބަންދުމީހުންގެ މަޢުލޫމާތު މަރުކަޒީ ނިޒާމަކުން ބެލެހެއްޓުމަށް ގާއިމުކުރި ޑިޖިޓަލް ނިޒާމެކެވެ. މި ސިސްޓަމްގެ ސަބަބުން މަޢުލޫމާތު ފުށުއެރުމުގެ މައްސަލަތަކަށް ޙައްލު ލިބި، ކޯޓުތަކާއި ޕީޖީ އޮފީސް އަދި ފުލުހުން ފަދަ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވޭނެއެވެ. އަދި ޤައިދީންގެ މެޑިކަލް އަދި ޕަރސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވުމުން މަސައްކަތްތަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. "މައި އެމްސީއެސް" ޕޯޓަލްއަކީ ކުރިން ބޭނުންކުރަމުންދިޔަ އީ-ސަރވިސް ޕޯރޓަލް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކުރުމަށް ފަރުމާކޮށްފައިވާ ޕޯރޓަލްއެކެވެ. އީ-ފާސް ބޭނުންކޮށްގެން މި ޕޯޓަލް މެދުވެރިކޮށް ކުށުގެ ރެކޯޑް ސާފުކުރުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާ ބައްދަލުކުރުމަށް އެދުމުގެ އިތުރުން، ޤައިދީންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތްވެސް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
މި ޕޯޓަލް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވުމުން، އިދާރީގޮތުން ކުރާންޖެހޭ މަސައްކަތްތައް އަވަސްވެގެންދާނެއެވެ. އަދިޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޕޯޓަލަކީ ކުރިމަގުގައި އާޓިފިޝަލް އިންޓެލިޖެންސް (AI) ފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާކޮށްފައިވާ ނިޒާމެކެވެ.
މިއީ މި ސަރވިސްގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ތައްޔާރުކޮށްފައިވާ ޕޯރޓަލްއެކެވެ. މި ޕޯރޓަލް އާންމުނަށް ހުޅުވާލެވޭނީ މި މަހުގެ ފަހުކޮޅުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.