1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ދިވެހި މުޖުތަމަޢަށް އަސާސީ ކަމެއް: ރައީސް

61
ރައީސުލްޖުމްހޫރިއްޔާ، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް އަށް ޒިޔާރަތްކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
މުހައްމަދު އަޚްތަރު
117ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަސާސީ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައި ދެއްވެވި ތަޤްރީރުގައެވެ.

ޑީ.ޖީ.އޭ.ޕީގައި ދެއްވި ތަޤްރީރުގައި ރައީސް މުޢިއްޒު ވަނީ ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ވިސްނުމާ ގުޅޭގޮތުން އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ތަންޒީމާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ކަނޑުތަކުން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، އިސްތިރާޖީ އަދި ޚާރިޖީ ފިކުރުގައި ކަނޑުތައް ތަމްސީލުކުރެވިފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ.

ރާއްޖޭގެ ތާރީޚީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަން ކަނޑާ ލާމެހިފައިވާ މިންވަރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މިންގަނޑުތައް ބައްޓަންކުރުމުގައި ކުދި ދައުލަތްތަކުގެ ދައުރު މިހާރު އިތުރުވަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

300 × 250

"ދުނިޔޭގެ ކަނޑުތަކަކީ، އެއްބާރުލުންދިނުމަށާއި، ވިލުންތެރިކަމަށާއި، މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށްޓަކައި، ޖަރުމަނުވިލާތާއި، އެނޫންވެސް، މި ވިސްނުން ހިއްސާކުރާ ބައިވެރިންނާއެކު މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ތައްޔާރަށް،" ރައީސް ވިދާޅުވިއެވެ.

ތަޤުރީރަށް ފަހު ކުރިމަތިވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަލާމަތީ އުސޫލުތައް ބިނާވެފައިވަނީ އަވައްޓެރި ޤައުމުތަކާއެކު އޮންނަ ބަދަހި ގުޅުމާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް ކުރާ އިޙުތިރާމުގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑީ.ޖީ.އޭ.ޕީ އަށް ކުރެއްވި މި ޒިޔާރަތުގައި އެ ކައުންސިލްގެ އިސްވެރިން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. މީގެ ތެރޭގައި ކައުންސިލްގެ ނައިބު ރައީސް ރޮލްފް ނިކެލް އާއި ޑިރެކްޓަރ ތޯމަސް ކްލައިން-ބްރޮކްހޯފް ހިމެނިވަޑައިގަންނަވައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި